ކަރަންޓުގެ ހިދުމަތް އިތުރަށް ވަރުގަދަކުރަން ހދ ކުރިނބީއަށް 250 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސްފި އެވެ.
ފެނަކައިން ހާމަކުރިގޮތުގައި މި ޖަނަރޭޓަރު ބޭނުންކޮށްގެން އެއްވެސް މައްސަލައެއް ދިމާނުވެ 400 އަށް ވުރެ ބޮޑު އާބާދީއެއްގެ މީހުންނަށް ކަރަންޓު ފޯރުކޮށްދެވޭނެ އެވެ. އަދި މިޖަނަރޭޓަރުގެ ސަބަބުން ކުރިނބީގެ ކަރަންޓުގެ ހިދުމަތް ބޮޑުތަނުން ރަނގަޅުވާނެކަމަށް ވެސް ފެނަކައިން ބުންޏެވެ.
ކުރިނބީގައި މިވަގުތު ހުރި ޖަނަރޭޓަރަށް ކަރަންޓުގެ ހިދުމަތް އެންމެ އެދެވޭ ގޮތުގައި ނުދެވޭ ކަމަށާއި އެކަމުގެ ސަބަބުން ކަރަންޓުގެ ހިދުމަތަށް ބުރޫއަރާކަން ވެސް ފެނަކައިން ހާމަކޮށްފައިވެ އެވެ.
ރަށުގެ ޕަވާރ ހައުސްގައި ޖަނަރޭޓަރު ހަރުކުރެވުންހާ އަވަހަކަށް ހިދުމަތް ލިބިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން މިއަދު ވަނީ ފ ފީއަލީގެ ކަރަންޓުގެ ހިދުމަތަށް ވެސް އިތުރު 400 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެނެސްދީފަ އެވެ.
ފ ފީއަލީގެ ފެނަކަ ބުރާންޗުން ހާމަކުރިގޮތުގައި މިއަދު ލިބުނު ޖަނަރޭޓަރާއެކު ރަށުގެ ކަރަންޓުގެ ހިދުމަތް އިތުރަށް ވަރުގަދަވެ ހިދުމަތް ދިނުމުގައި އެއްވެސް ދައްޗަކާ ކުރިމަތިލާކަށް ނުޖެހޭނެ އެވެ.
ފީއަލި ބުރާންޗުން ވަނީ މިހާރު ރަށުގައި ހުރި ޕަވާރ ކޭބަލް ނެޓްވޯކް ރިޕްލޭސް ކުރަން އާ ކޭބަލްތަކެއްވެސް ލިބިފައިވާ ކަންވެސް ހާމަކޮށްފަ އެވެ.
ފެނަކައިން މިހާރުވެސް ރާއްޖޭގެ 150 ރަށަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެ އެވެ.