twitterviber whatsapp telegramfacebookyoutube instagram
17th May 2024

ސްމާޓް ކައުންސިލް ޕްރޮޖެކްޓަށް ކޮންސަލްޓެންޓެއް ހޯދުމަށް ނިންމައިފި

މުޙައްމަދު އަހުމަދު
Aug 25, 2021
2

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ ސްމާޓް ކައުންސިލް ޕްރޮޖެކްޓް ކުރިއަށްގެންދިޔުމަށް ކޮންސަލްޓެންޓެއް ހޯދުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ބުދަ ދުވަހު ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުމުގައި ސްމާޓް ކައުންސިލް ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ކޮންސަލްޓެންޓެއް ހޯދުމާމެދު ގޮތެއް ނިންމުމާމެދު ކުރެވުނު ބަހުސްގައި ސްމާޓް ސިޓީ ކައުންސިލް ކޮމިޓީން ނިންމާފައިވަނީ ކޮންސަލްޓެންޓެއް ނަގައިގެން ކުރިއަށްގެންދިއުމަށް ކަމަށް ކައުންސިލް މެމްބަރު އާތިފާ އަލީ ވިދާޅުވި އެވެ.

އާތިފާ ވިދާޅުވީ އޭނާ ދެކޭ ގޮތުގައި ކައުންސިލުން ދޭ ހިދުމަތްތައް އަވަސްކުރުމާއި ފެންވަރު ރަނގަޅު ކުރުމަށް ކައުންސިލުންދޭ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް ސްމާޓް ކައުންސިލަކަށް ބަދަލުކުރުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ބަލައިގެން އެކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

ކޮމެޓީގައި މަޝްވަރާކުރިއިރު ވެސް ވިސްނުންހުރީ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތްތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރުމަށް ކަމަށާއި އެއީ ވަރަށް ބައިވަރު ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭނެތީ ކަމަށް އާތިފާ ވިދާޅުވި އެވެ. އަދި ރައްޔިތުންނަށް ދޭ ހިދުމަތްތަކާ ކައުންސިލްގެ އިދާރާގެ ތެރޭގައި ކުރާ ކަންތައްތައްވެސް ޑިޖިޓަލައިޒް ކުރެވިގެންދާ ކަހަލަ ގޮތަކަށް މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން އެކިއެކި ފަރާތްތަކާ އައިޓީ ދާއިރާގެ ތަޖުރިބާކާރުންނާއި ވެސް ވާހަކަދެކެވުނު ކަމަށާއި އެބޭފުޅުންގެ ލަފައަކީ ކައުންސިލްގެ މުވައްޒަފުންގެ ދަތިކަމާއި އަދި ފަންނީ މީހުންގެ ދަތިކަންހުރި ގޮތުން ކޮންސަލްޓެންޓެއް ނަގައިގެން މިޕްރޮޖެކްޓް ކުރިއަށް ގެންދިއުން ކަމަށް އަދި އެއީ އެންމެ ރަނގަޅުގޮތްކަމަށް ތަޖުރިބާކާރުން ލަފާދޭކަމަށް ވެސް އާތިފާ ވިދާޅުވި އެވެ.

އެހެންވީމާ ކޮމިޓީން ނިންމާފައި އޮތީ މިޕްރޮޖެކްޓް ކުރިއަށް ގެންދަން ކޮންސަލްޓެންޓެއް ނަގައިގެން ޕްރޮޖެކްޓް ނިމެންދެން ކޮންސަލްޓެންޓްގެ ބެލުމުގެ ދަށުން އެކަންކަން ކުރިއަށް ގެންދިއުން ކަމަށްވެސް އޭނާ ވިދާޅުވެފަ އެވެ.

ހިދުމަތްތައް ޑިޖިޓަލްކުރުމުގެ ވާހަކަދައްކާއިރު ޑިޖިޓަލް މިކުރަނީ ވަރަށް މުހިންމު ލިޔެކިޔުންތަކެއް ކަމަށާއި އެލިޔުންތައް ޑިޖިޓަލްކުރާއިރު އެޑޭޓާގެ ރައްކާތެރިކަން ޔަގީންކުރަންޖެހޭ ކަމެއް ކަމަށް ކައުންސިލް މެމްބަރު އަހްމަދު އަބްދުﷲ (ރޯޒޭ) ވެސް ވަނީ ވިދާޅުވެފަ އެވެ. އެހެންނޫނީ ވަރަށް ދެރަ ކަންތައްތަކަކާ ދިމާވެދާނެކަމަށާއި މިކަހަލަ ކަންތައްތައް ކުރާއިރު އެކަމުގެ ތަޖުރިބާހުރި ފަރާތްތަކުގެ ލަފާ ހޯދައިގެން އެކަންކުރުމަކީ މުހިންމު ކަމެއްކަމަން އޭނާވެސް ފާހަގަކުރެއްވި އެވެ.

ޑެޕިއުޓީ މޭޔަރު ވިދާޅުވީ ކައުންސިލް ޑިޖިޓަލައިޒް ވެގެން އައުމަކީ ރައްޔިތުންނާއި ގާތުން ފޯރުކޮށްދޭން ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދޭން އިތުރަށް ފަސޭހަވާނެ ކަމެއް ކަމަށެވެ.

އިންޓާނަލް ޑިޖިޓަލައިޒޭޝަނަށް ވެސް އަދި ރައްޔިތުންނަށް ދެވޭ ހިދުމަތްތަކާ ގުޅޭގޮތުންވެސް މިހާރު މިވަގުތު ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލް އެންވަޔަރަމެންޓަކާ ތަންކޮޅެއް ދުރުގައި އޮތީމާ މުޅިތަން އެއްކޮށް ޑިޖިޓަލައިޒްކުރަން ފުދޭވަރަކަށް ގިނަ ދުވަސް ނަގާފާނެ ކަމަށްވެސް ޑެޕިއުޓީ ވިދާޅުވި އެވެ. އެހެންވީމާ ވީހާވެސް އަވަހަކަށް އާތިފާވެސް ވިދާޅުވި ގޮތަށް ފިޔަވަހިތަކަކަށް ބަހަލައިގެން ފެށުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފާހަގަކުރެއްވި އެވެ.

ޑިޖިޓަލް ކުރެވިގެން އަންނައިރު ގިނަ ހިދުމަތްތަކަކީ އޮޓަމޭޓް ކުރެވިގެން ދެވޭނެ ހިދުމަތްތަކެއް މިހާރުވެސް މުވައްޒަފުންގެ ދަތިކަން ވަރަށް ބޮޑަށް އެބައޮތް މިކައުންސިލުގައި އަދި ޑިޖިޓަލްކުރެވުމުން މިދަތިތައް ކޮންމެވެސް ވަރަކަށް ފިލާނެކަމަށް ފާހަގަކުރެވޭ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355