ސިފައިންގެ އެންމެ އިސް ކަމަކަށްވާން ޖެހޭނީ އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ރައްކާތެރިކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ސިފައިންގެ 67 ވަނަ އަސާސީ ތަމްރީނު ފުރިހަމަކުރި ސިފައިން ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އެންމެ މުހިއްމު މަސްއޫލިއްޔަތަކީ ދިވެހި ދައުލަތުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް ދިފާއުކުރުން ކަމަށެވެ. އަދި ގާނޫނުއަސާސީ އާއި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުމާއި ގާނޫނީ ވެރިކަމަށް ކުރިމަތިވެދާނެ ކޮންމެ ނުރައްކަލަކުން ހިމާޔަތްކުރުމަކީ ސިފައިންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަލަށް ސިފައިންގެއާ ޒުވާނުން ގުޅިފައިވާ މި ދަނޑިވަޅަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ވަގުތެއްކަމަށާއި އެގޮތުން ޓެރަރިޒަމާއި ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުރިމަތިލާން ޖެހިފައިވާ މި ދުވަސްވަރު ކުރިމަތިވާ ގޮންޖެހުންތަކަށް ސިފައިން ހޭލުންތެރިވެ އެކަންކަމާ ކުރިމަތިލުމަށް ތައްޔާރުވާން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މި ގޮންޖެހުންތަކާ ކުރިމަތިލާން އެންމެ މުހިއްމު އެއް ކަމަކީ ސަލާމަތީ ހިދުމަތްތައް ގުޅިގެން މަސައްކަތްކޮށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުންކަމަށެވެ.
ރައީސް ވިދާޅުވީ އަސްކަރިއްޔާގެ ހިދުމަތަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި އެއީ ގައުމީ ހިދުމަތުގައި ވެވޭ ވަރަށް މަތިވެރި ގުރުބާނީއެއް ކަމަށް ވިދާޅުވެފަ އެވެ.