ކުޅުދުއްފުށި ސިޓީ ކައުންސިލުން އުފައްދަން ނިންމާފައިވާ ކުންފުނިން އާންމު ވިޔަފާރިތެރެއަށް ނުވަންނާނެކަމަށް އެ ކައުންސިލުން ހާމަ ކޮށްފި އެވެ.
ސިޓީ ކައުންސިލުން ކުންފުންޏެއް އުފައްދަން ނިންމިކަން ހާމަކުރެއްވީ ތަރައްގީގެ ޕްލޭނާއި ލޭންޔޫސް ޕްލޭން ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމުގައި އެވެ. އެއާއެކު އެ ކުންފުނިން، އާންމުން ކުރާ ވިޔަފާރީގެ ތެރެއަށް ވަދެދާނެކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރި އެވެ.
އެކަމަކު އެ ކުންފުނިން އާންމުގެ ވިޔަފާރީގެ ތެރެއަށް ނުވަންނާނެކަން ހާމަކުރީ ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި އެވެ. ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވީ، ކައުންސިލުން އުފައްދާ ކުންފުނިން ހަރަކާތްތެރިވާނީ އާންމުން ނުކުރާ ވިޔަފާރީތަކުގައި ކަމަށެވެ.
އޭގެ އިތުރުން އެހެން އިންވެސްޓްމެންޓަކާއެކީގައި ޖޮއިންޓްވެންޗާއަށް ދާން ޖެހިއްޖެ ހާލަތްތަކެއްގައި ކުންފުނި ބޭނުންކުރުމަށްކަމަށް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި އޭނާ ވަނީ ކުރިއަށް ރޭވިފައިހުރި މުހިންމު ބައެއް އެހެން ކަންކަންވެސް ހިއްސާކުރައްވާފަ އެވެ. އެގޮތުން އެއާޕޯޓް ބީޗާއި އާޓިފިޝިއަލް ބީޗު ތަރައްގީކުރުމާއި ދެ ކުޅީގައި ނޭޗާރ ޕާރކް ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހި ފެށިގެންދާނެކަމަށް ވިދާޅުވެފަ އެވެ.
ޒަމާނީ ފެންވަރުގެ ތަނަވަސް ހިނަވާގެއެއްގެ މަސައްކަތާއި ކުނި މެނޭޖްކުރުމަށް ގޮތްތަކެއް ކަނޑައެޅުމުގެ ކަންކަންވެސް ކުރިއަށްދާ ކަމަށާއި މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ހިތްފަސޭހަ މައިޒާންތަކެއް ހެދުމަށްވެސް ހަމަޖެހިފައިވާކަމަށް ވިދާޅުވި އެވެ. އަދި ވިޔަފާރިއަށް ހާއްސަކޮށް ބިންތަކެއް ކުއްޔަށް ދޫކުރުމަށްވެސް ނިންމާފައިވާކަން ޑެޕިއުޓީ ފާހަގަކުރެއްވި އެވެ.
ޑެޕިއުޓީ ވިދާޅުވީ ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭންގެ ކަންކަން އެންމެ ފުރިހަމަކޮށް ކުރިއަށްގެންދެވޭނީ ދިގު މުއްދަތަށް ޕްލޭންކުރެވިގެން ކަމަށްވާތީ 20 އަހަރަށް އަމާޒުކޮށްގެން ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އާ މިސްކިތެއް ޑިޒައިން ކުރުމާއި ސްޕީޑް ބުރޭކާ ހަރުކުރުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި ނިޝާންތައް ކުރެހުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި އަދި ރަސްމީ ފާލަމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެކަން އޭނާ ހާމަކުރެއްވި އެވެ.