twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކުޅުދުއްފުށީ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެ

- ހޮސްޕިޓަލް އަޅަން ބޭނުންވާ ފަންޑު ވަނީ ހަމަޖެހިފައި
- އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރު ފެށޭނެ
- ޓާޝިއަރީ ހޮސްޕިޓަލެއް އިމާރާތްކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެއް

އަބްދުލް ވާހިދު ޙަސަން
Aug 29, 2021

ކުޅުދުއްފުށީގައި އަޅަން ހަމަޖެހިފައިވާ ޓާޝިއަރީ ހޮސްޕިޓަލަށް ބޭނުންވާ ފަންޑު މިހާރު ހަމަޖެހިފައިވާ ކަމަށާއި ހޮސްޕިޓަލް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފެށޭނެކަމަށް ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިހުރި މަސައްކަތް ރައްޔިތުންނަށް ހިއްސާކުރުމަށް ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، އެންމެ ފަހުން ރައީސުލް ޖުމްހޫރިއްޔާ ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ޓާޝިއަރީ ހޮސްޕިޓަލާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ.

ރައީސުލް ޖުމްހޫރިއްޔާއާ ހަވާލާދެއްވައި މޭޔަރު ވިދާޅުވީ ހޮސްޕިޓަލް އިމާރާތްކުރަން ހަމަޖެހިފައިވާ ކުވެއިތު ފަންޑުން މިހާރު އެކަމަށް ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ ކުރެހުމުގެ މަސައްކަތްތަކެއް ކަމަށް މޭޔަރު ވިދާޅުވި އެވެ.

އަދި އެންމެ ލަސްވެގެން އަންނަ އަހަރު ކުރީ ކޮޅުގައި ޓާޝިއަރީ ހޮސްޕިޓާ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިކަމަށް މޭޔަރު ވިދާޅުވި އެވެ.

ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް އިމާރާތްކުރުމުގެ ވައުދަކީ ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވައުދެކެވެ. މިދިޔަ ކައުންސިލް އިންތިހާބު ބޯމަތިވެފައިވަނިކޮށް ރައީސް ވިދާޅުވެފައިވަނީ ޓާޝިއަރީ ހޮސްޕިޓަލުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ.

ކުޅުދުއްފުއްޓާއި ގދ ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓާ އިމާރާތްކުރަން ނިންމާފައިވަނީ ކުވެއިތު ފަންޑުގެ އެހީގައި އެވެ. ކުޅުދުއްފުށީގައި އިމާރާތްކުރަނީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެކަމަށް ބޭނުންވާ ބިންވެސް ވަނީ ހަމަޖައްސާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355