ކުޅުދުއްފުށީގައި މަސައްކަތްކުރާ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެ، އެމީހާގެ ކޮންޓެކްޓުން ގެ ގޮތުގައި ފާހަގަވި އިތުރު 3 ބިދޭސީއަކު ޕޮޒިޓިވްވެފައިވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ކޭއޯއަށް މައުލޫމާތު ދެމުން އޮފިޝަލަކު ވިދާޅުވީ ބިދޭސީމީހާއަކީ މާލެއިން މިދިޔަ ހުކުރު ދުވަހު ޕީސީއާރު ނެގެޓިވް ޓެސްޓަކާއެކު ކުޅުދުއްފުއްޓަށް އައި މީހެއްކަމަށާއި ރޯގާގެ އަލާމަތްތައް ފެންނަން ފެށީ ރަށަށް އައިފަހުން ކަމަށެވެ. އެމީހާ ޕޮޒިޓިވްވިކަން އެނގުނީ ރޯގާގެ އަލާމާތްތައް ފެންނަ ފެށުމުން ކޭއާރުއެޗަށް، އެ ބިދޭސީ މީހާ ގެންގުޅޭ ފަރާތުން ރިޕޯޓްކުރުމުން ގޮސް ނެގި ސާމްޕަލުން ކަމަށްވެސް އޮފިޝަލް ވިދާޅުވީ އެވެ.
އެމީހާގެ ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 14 ފަރާތެއް ފާހަގަ ވެފައިވާކަމަށާއި އޭގެތެރޭގައި 3 ދިވެހިންވެސް ހިމެނޭކަމަށް އޮފިޝަލް ވިދާޅުވި އެވެ. ރޯގާގެ އަލާމަތްތައް ފެންނަން ފެށުމުން ބިދޭސީ މީހާ މަސައްކަތަށް ނުނިކުންނަ ކަމަށާއި ކޮންޓެކްޓުންނަކީ އެމީހާއާ އެއް ގެއެއްގައި އުޅޭ މީހުންނާއި މަސައްކަތްކުރާ ތަނުގައި އުޅުން މީހުންކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ހާލަތު އިތުރަށް ބެލުމަށް މިއަދު އިތުރު ރޭންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާއިރު ރޭންޑަމް ސާމްޕަލް ބިދޭސީންގެ މެދުގައިވެސް ނަގާނެކަމަށް ކޭއާރުއެޗުން މައުލޫމާތު ދެއެވެ. ކުޅުދުއްފުށި މޮނީޓަރިންގެ ހާލަތަށް ގެންނާނީ މި ސާމްޕަލްގެ ނަތީޖާ ލިބޭގޮތުންކަމަށްވެސް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.