ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސޯލިހު މަސައްކަތެރިންނާ ގުޅޭ އެކި ޖަމިއްޔާ ޖަމާއަތްތައް ތަމްސީލުކުރުމަށް އެކުލަވާލައިފައިވާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމް.ޓީ.ޔޫ.ސީ) ގެ މެންބަރުންނާ ބައްދަލުކުރައްވައި މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވައި އެބޭފުޅުންގެ ހުރި ކަންބޮޑުވުންތަކާއި އެބޭފުޅުންނަށް ދިމާވާ ގޮންޖެހުންތައް އަޑުއައްސަވައި އެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.
އިއްޔެ މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމުގައި، އެމް.ޓީ.ޔޫ.ސީ ގެ މެންބަރުން ވަނީ މަސްވެރިކަމާއި، ތައުލީމާއި، ސިއްހީ ދާއިރާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ. މިގޮތުން ހުރިހާ ބޭފުޅުން ވެސް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެއްކަމަށްވާ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނު ވީހާވެސް އަވަހަކަށް ފާސްކޮށްދެއްވުމާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި އެކޮންގްރެސްއިން ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ޤާނޫނެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާފަ އެވެ. އަދި އެކޮންގްރެސްއިން ވިދާޅުވިގޮތުގައި އިންޓަރނޭޝަނަލް ލޭބަރ ރިލޭޝަންސް (އައި.އެލް.އޯ) ގެ ފަންނީ ލަފަޔާއެކު 2013 ވަނަ އަހަރު ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލްގެ ޑްރާފްޓެއް އެކުލަވާލާފައިވާ ކަމަށާއި އަދި ހުރިހާ ދާއިރާއެއްގެ މަސައްކަތްތެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކާއި މައްސަލަތަކަށް ހައްލު ލިބެން އޮތީ މި ޤާނޫނު ވުޖޫދުވެގެންކަން ވެސް ވަނީ ފާހަގަކުރައްވާފަ އެވެ.
އެބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް ޑްރާފްޓްކުރުމުގެ މަސައްކަތްކުރިޔަށްދާކަމުގައި ވިދާޅުވެ ވީހާވެސް އަހަވަކަށް ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށްފަހު އެ ބިލަށް ގެންނަންޖެހޭ ބަދަލުތަކާއެކީ މަޖިލީހަށް ހުށައަޅާނެކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ވަކި ވަކި ދާއިރާގެ މަސައްކަތްތެރިންގެ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތުވެސް މިބައްދަލުވުމުގައި ހިއްސާކުރައްވާފަ އެވެ.