ހދ ނޮޅިވަރަންފަރުން އެކްޓިވް ކޭސްއެއް ނުފެންނަތާ ދެ ދުވަސްވެއްޖެ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.
ހދ ނޮޅިވަރަންފަރުން މީހަކު ކޮވިޑަށް ޕޮޒިޓިވްވެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
އެރަށުން ނޮޅިވަރަމް ކުލަސްޓާގައި ހިމެނޭ ފަރާތުގެ ނަތީޖާ ލިބިފައިވަނީ 30 ވަނަ ދުވަހުގެ ރޭގަނޑު އެވެ. އަދި މޮނީޓަރިންއަށްލައިފައިވަނީ 31 ވަނަ ދުވަހު އެވެ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ އެރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ނޮޅިވަރަމް ކްލަސްޓާއިން ޕޮޒިޓިވްވި ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއްކަމަށެވެ.
ނޮޅިވަރަމުން ޕޮޒިޓިވް ކޭސްތައް ފެނުނު ހިސާބުން ގުޅުން ހުރި ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިން ހަދާ އެ އެންމެންވެސް ތިބީ ކަރަންޓީނުގައިކަމަށްވެސް ނަދީމް ވިދާޅުވި އެވެ.
ކައުންސިލުން ބުނީ މިހާތަނަށް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 36 މީހެއްގެ ސާމްޕަލް ވަނީ ނަގާފަ އެވެ. އަދި އެންމެފަހުން ކޭސްއެއް ފެނިފައިވަނީ 31 ވަނަ ދުވަހު އެވެ. އެއީ ފުރަތަމަ ޕޮޒިޓިވްވި ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްވީ ދެމީހުންނެވެ.
31 ވަނަ ދުވަހު އެރަށުން ނެގި 48 ސާމްޕަލްގެ ތެރެއިން 46 ސާމްޕަލެއް ވަނީ ނެގެޓިވްވެފަ އެވެ. އެރަށުން ރޭންޑަމް ސާމްޕަލްގެ ގޮތުގައިވަނީ 7 ސާމްޕަލެއް ނަގާފަ އެވެ. މުޅިއެކު މިހާތަނަށް އެރަށުން އެކްޓިވް ކޭސްގެ ގޮތުގައި އޮތީ 3 ކޭހެވެ.
އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ މިހާރު ބެލެވެނީ ކޭސްތައް ކޮންޓްރޯލްކުރެވިފައިވާ ކަމަށެވެ. މިއީ އެރަށުން ޕޮޒިޓިވް ކޭސްއެއް ފެނުނު ފުރަތަމަ ފަހަރެވެ.