twitterviber whatsapp telegramfacebookyoutube instagram
5th May 2024

ކުޅުދުއްފުށީގައި ޕަބުލިކް ޓްރާންސްޕޯޓް ވިއުގައެއް ގާއިމުކުރުމަށް މަޝްވަރާކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 2, 2021
2

ކުޅުދުއްފުށި ސިޓީގައި އެއްގަމު ދަތުރުފަތުރުގެ ވިއުގައެއް ގާއިމުކުރުމަށް ސިޓީ ކައުންސިލްގައި މަޝްވަރާކޮށް، އެކަމުގައި ކަމާ ބެހޭ ފަރާތްތަކުގެ ހިޔާލު ހޯދުމަށް ޕްލޭނިންގ ކޮމެޓީއަށް ފޮނުވުމަށް ފާސްކޮށްފި އެވެ.

ސިޓީ ކައުންސިލްގައި ބުދަ ދުވަހު ކުރިއަށްދިޔަ ބައްދަލުމުގައި ރިޔާސަތު ހުށަހެޅި މި ހުށަހެޅުމަށް ތިން މެމްބަރަކު ވާހަކަ ދެއްކެވި އެވެ. އެއީ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދާއި އަހުމަދު އަބުދުﷲ (ރޯޒޭ) އަދި އާތިފާ އަލީ އެވެ. ތިން މެމްބަރުންވެސްގެ ވާހަކާގައި ފާހަގަކުރެއްވީ މިއީ މި ސިޓީއަށް ކޮންމެހެން ކުރަން ޖެހޭ މުހިންމު ކަމެއްގެ ގޮތުގައި އެވެ.

ޑެޕިއުޓީ ވިދާޅުވީ، އެއްގަމު އުޅަނދުތައް ގިނަވި ވަރަކަށް، މާލެ ފަދަ ދިރިއުޅެން ދަތި ކާރުބާރު ބޮޑު މަގުތަކަކަށް މި ސިޓީގެ މަގުތައް ވެގެން ގޮސްދާނެ ކަމަށާއި އެހެންވެއްޖެނަމަ ވައިނުސާފުވެ ދިރިއުޅުމަށް އެންމެ އެކަށީގެންނުވާ ސިޓީއަކަށް މި ސިޓީ ދިޔުމަކީ ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ، މަގުމަތީގެ ކާރުބާރު ބޮޑުވުމުގެ މައްސަލަ އާއި ޖައްވުގެ ތެރެއަށް ދޫކުރާ ވިހަ ގޭސް މަދުކުރުމުގައި ޕަބުލިކް ޓްރާންސްޕޯޓްގެ ނިޒާމު މުހިންމު ކަމަށެވެ. އަދި ޕަބުލިކް ޓްރާންސްޕޯޓްގެ ނިޒާމަކަށް ހިތް ޖެހި އެ ދިމާއަށް ރައްޔިތުން ދިޔުމަށް ބާރު އެޅުން އެއީ ކޮންމެހެން ކުރަން ޖެހޭކަމެއްކަން ފާހަގަކުރެއްވި އެވެ.

މިފަދަ ނިޒާމެއް ފަށާއިރު އެންމެ ފުރަތަމަ ފެށުމުގެ ގޮތުން ސްކޫލު ކުދިންނަށް ހާއްސަކޮށް ފެށުން މުހިންމުކަން ފާހަގަކުރައްވަމުން ޑެޕިއުޓީ ވިދާޅުވީ، މިހާރު ސްކޫލްތަކަށް ދަރިވަރުން ގެންދިޔުމުގެ ގޮތުން ބެލެނިވެރިން ވަރަށް ބައިވަރު ދަތުރުކުރަން ޖެހޭ ކަމަށާއި އެކަމަށް ވަރަށް ގިނަ ވަގުތުވެސް ހޭދަވާ ކަމަށެވެ. އެެހެންކަމުން އެކަންތައްތަކަށް ފަސޭހައެއް ލިބޭނެ ގޮތަކަށް ރަނގަޅު ޕަބުލިކް ޓްރާންސްޕޯޓް ވިއުގައެއް ގާއިމުކުރުން މުހިންމު ކަމަށެވެ.

އަދި މިފަދަ ނިޒާމެއް ފަށާއިރު މިކަމަށް އޮތް ޑިމާންޑާއި މިހުރިހާ ކަމަކަށް ބެލުމުގެ ގޮތުން ސްކޫލްތަކާއި މަޝްވަރާކުރުން މުހިންމު ކަމަށެވެ.

އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، ކުޅުދުއްފުށީގައި ވެހިކަލްތައް އިތުރުވަމުން މިދާ މިންވަރަށް ބަލާއިރު ޕަބުލިކް ޓްރާންސްޕޯޓްގެ ވާހަކައަކީ ވަރަށް މުހިންމުކަމެއް ދީގެން ދައްކަން ޖެހޭ ވާހަކައެއްކަމަށެވެ. އަދި އެކަން އަވަހަށް ފެށުން މުހިންމު ކަމަށެވެ. މި ނިޒާމު ގާއިމުކުރާއިރު ފަސޭހައިން ދެވޭނެ ހެން ދުރު ނޫން ހިސާބުތަކުގައި ކައިރި ކައިރީގައި ބަސް ސްޓޮޕްތަކެއް ހުރުން މުހިންމުކަމަށް ރޯޒޭ ވިދާޅުވި އެވެ.

މިފަދަ ނިޒާމެއް ގާއިމުކުރެއްވިއްޖެނަމަ ވެހިކަލްތައް ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށާއި މިކަމުގެ ސަބަބުން މަގުތައް ހިތް ފަސޭހަ ރައްކާތެރި މަގުތަކަކަށްވާނެ ކަމަށެވެ. ރޯޒޭވެސް ވިދާޅުވީ، ސްކޫލު ދަތުރުތަކަށް ލުއިވާނެ ފަދަ ގޮތަކަށް މި ހިދުމަތް ބައްޓަން ކުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ.

އާތިފާ އަލީ ވިދާޅުވީ، ފުރަތަމަ ފަށާއިރު ސްކޫލު ބަހުގެ ހިދުމަތް ފެށުން މުހިންމު ކަމަށާއި އަދި ބަހުގެ ޑިމާންޑާއި ރޭޓް ބަލާލުން މުހިންމު ކަމަށެވެ. ފިނި ފެހި މީހުންނަށް ދިރިއުޅެން ފަސޭހަ ސިޓީއަކަށް ހެދުމަށް މަސައްކަތްކުރާއިރު ދުއްވާ އެއްޗެހި މަދުކުރުން އެއީ ކުރަން ޖެހޭނެ ކަމެއް ކަމަށް އޭނާވެސް ފާހަގަކުރެއްވި އެވެ. އަދި އިތުރަށް ހިޔާލު ހޯދުމަށް ޕްލޭންނިންގ ކޮމެޓީއަށް ފޮނުވުމަށް ހުށަހެޅުއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355