މައްސަލަ ޖެހުނު ގްރޭޑް އެކެއްގެ ގުރުއާން ފޮތްތައް ކުދިންގެ އަތުން ނަގަން ސްކޫލުތަކަށް އަންގައިފި އެވެ.
އެ ފޮތްތައް ޗާޕްކުރިއިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އޭގެ ފަހުންވެސް ގްރޭޑު 2 އަދި 12 ގެ އިސްލާމް ފޮތްތަކުގައި ވެސް މައްސަލަ ހުރިކަން ފާހަގަކޮށް ބައެއް އިލްމުވެރިން ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ގްރޭޑް އެކެއްގެ ކުދިންގެ އަތުން ގުރުއާން ފޮތް ނެގުމުގެ ކަންކަން މިއަދު ހަމަޖެއްސުމަށް އަންގާ ޕްރިންސިޕަލުން ތިބޭ ގްރޫޕުތަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ކޯޑިނޭޓަރުން ވަނީ މެސެޖެއް ފޮނުވާފަ އެވެ. އަދި އެކަން ހައްލު ކުރާނެ ގޮތުގެ އިރުޝާދު އެންއައިއީން ދޭނެ ކަމަށާއި އެހާ ހިސާބަށް ދަންދެން ބުރޫނާރާނެ ގޮތަކަށް ކިޔެވުން ކުރިއަށް ގެންދިއުމަށްވެސް އަންގާފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނީ ގުރުއާން ފޮތުގައި ދިމާވި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފަށާފައިވާ ކަމަށެވެ.
އެ ފޮތްތައް ޕްރިންޓް ކުރުމުގެ ކުރިން އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ޗެކްކުރި ކަމަށާއި އަދި އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް އެބަޔާނުގައި ބުނެފައިވެ އެވެ.