ދައުލަތުގެ ރިކަރަންޓް ހަރަދު މިދިޔަ އަހަރާ އަޅާ ބަލާއިރު 11 ޕަސެންޓް އިތުރުވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސުން ކޮންމެ ހަފުތާއަކު ނެރޭ މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރު ރިކަރަންޓް ހަރަދު ކުރަން ރައްޔިތުން މަޖިލީހުން ފާސް ކޮށްދީފައި ވަނީ 21 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މިިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ރިކަރަންޓް ހަރަދުގެ ގޮތުގައި 14 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ރިކަރަންޓް ހޭދަ އުޅެނީ 12 ބިލިއަން ރުފިޔާގަ އެވެ.
ރިކަރަންޓް ހަރަދުގެ ތެރެއިން މުވައްޒަފުންނަށް މުސާރަ ދޭން މިހާތަނަށް 6.4 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މިދިޔަ އަހަރު މި ހޭދަ އުޅެނީ 6.3 ބިލިއަން ރުފިޔާގަ އެވެ.
މުވައްޒަފުންނަށް މުސާރަ އާއި ޕެންޝަނުގެ ގޮތުގައި ދޭން ފާސްކޮށް ދީފައި ވަނީ 10 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެޑްމިނިސްޓްރޭޓިވް އަދި އޮޕަރޭޝަނަލް އެކްސްޕެންސަސްގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ ހޭދަ ކޮށްފައިވެ އެވެ. މިދިޔަ އަހަރު މި ހޭދަ އުޅެނީ ހަ ބިލިއަން ރުފިޔާގަ އެވެ. މި ބަޔަކަށް ދީފައިވާ ބަޖެޓަކީ 11 ބިލިއަން ރުފިޔާ އެވެ.