.
ބަދުރުއްދީން ޙަސަން
އޮގަސްޓް ބާރަތޭރައެވެ. ޒީނާއަށް ހޭލެވުނުއިރު ހެނދުނު ނުވަގަޑި ބައިވަނީއެވެ. އާންމުކޮށް ފަތިސް ނަމާދަށް ހޭލާ ޒީނާއަށް މިއަދަކީ މުޅިން ތަފާތު ދުވަހެކެވެ. މިއަދަކީ ޒީނާ ހޭލަން ބޭނުން ދުވަހެއްވެސް ނޫނެވެ. އެއަށްވުރެ ޒީނާ އޮތީ އެއްވެސް އިންސާފެއްނެތް މިދުނިޔެ މަތިން ފޫހިވެފައެވެ. އަދި ދެލޯ ހުޅުވާލަންވެސް ބިރުގެންފައެވެ. ނަމަވެސް ޒީނާ މަޑުމަޑުން ދެލޯ ހުޅުވާލާ ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެއަށް ލޯ ހިންގާލިއެވެ. އަދި ކަޝްފުވެފައިއޮތް ޒީނާގެ ރޯ ހަށިގަނޑުގެ މައްޗަށް ފައިކޮޅުގައިއޮތް ރަޖާގަނޑު ދަމާލާ، ގައިމަތީގައި އަޅާލިއެވެ. އެސްފިޔަޖަހާލަން ލޯމަރާލާ ކޮންމެ ފަހަރަކުވެސް ރޭގެ އަނިޔާވެރިކަން ޒީނާގެ ލޯކުރިމަތިން ފްލޭޝް ވެލާކަހަލައެވެ.
ފަންގިފިލާގައި މަޑުމަޑުން އެނބުރި އެނބުރި ހުރި ފަންކަލުގައި ޒީނާ ރޭ ލައިގެންހުރި ޖިންސް އޮޅިފައި އޮތެވެ. ލައިގެންހުރި އެހެންތަކެތި ވީހިސާބެއްވެސް ނޭނގެއެވެ. ކޮޓަރި ތެރޭގައި ހުރިއްޔާ ހުރި އެއްޗެއް ހުރީ އެކިތަންތަނަށް އުކާލެވިފައެވެ. ޒީނާގެ ކްއީން ސައިޒުގެ އެނދު ހީވަނީ ވެލާއަރާފައި އޮތް ފަސްގަނޑެއް ހެންނެވެ. އެންމެ ވެލައެއް ނޫނެވެ. ހައެއްކަ ވެލާ އެތަނަށް ރޭ އަރާފައިވެއެވެ.
ބައްޕަގެ މިންނެތް މަސައްކަތުން ހަބުރިޔަށް ހަދާފައި ހުރި ގޭގައި ޒީނާއަށް ވަކިން އެއްބުރި ދީފައިވެއެވެ. އާއިލާއާއެކު މަންމަމެން ބައިގައި ކައިބޮއި ހެދިކަމުގައިވިޔަސް ޒީނާގެ ބައިގައި އަމިއްލަ މިނިވަންކަމާއެކު އުޅުމުގެ އިހުތިޔާރު މައިންބަފައިން ވަނީ އޭނާއަށް ދީފައެވެ. ކޮންމެ ރެޔަކުވެސް ޒީނާގެ ލޯބިވެރިޔާ އަރީން ޒީނާގެ ކައިރިޔަށް އާދެއެވެ. 3 މަސްވެފައިވާ އެގުޅުމަށް ފަހަކަށް އައިސް އަންނަމުންދާ ބަނަކަން ސާފުކުރުމަށް ޒީނާ އަބަދުވެސް އަރީންއާ ވާހަކަ ދައްކައިގެން މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް މައްސަލަތައް ދުވަހުން ދުވަހަށް ދިޔައީ ގޯސްވަމުންނެވެ. އިއްޔެ ނޫން ކުރީ ދުވަހު އަރީން ޒީނާގެ އެޕާރޓްމަންޓުން ނުކުމެގެން ދިޔައީ ބޮޑު ޒުވާބަކަށް ފަހުއެވެ. އަދި ގުޅުން އެހިސާބުން ނިމުނީ ބާއޭ ހިތާ އިއްޔެ ހަތަރުދަމުވެސް ޒީނާ އޮތީ ރޯށެވެ.
ނަމަވެސް ރޭ އަރީން އައީ ޒީނާއަށް މާބޮނޑިއެއްވެސް ހިފައިގެންނެވެ. އެހެން ރޭރެއަށްވުރެ މާލޯބިން އުޅޭހެންވެސް ހީވެއެވެ.
“ގެނޭ ފެގެއް” އަރީން ސިގިރޭޓުފޮށި ނަގާ މޭޒުމަތީގައި ބާއްވަނިކޮށް ޒީނާ ބުންޏެވެ.
އަރީނެކޭ އެއްފަދައިން ޒީނާއަކީވެސް ސިގިރޭޓް ބުއިމަށް ދެވިހިފާފައި ހުންނަ ކުއްޖެކެވެ. އަދި ދެފަހަރެއްގެ މަތިން ޒީނާ ވަނީ އަރީން ކައިރީ ބުނެ ހޯދައިގެން “ތެޔޮ ބިޑި” ވެސް ބޮއިފައެވެ.
“ސިގިރޭޓަށް ވުރެ ފައްކާ އެއްޗެއް އެބައޮތް” އަރީން ޖީބުން ބިޑިއެއް ނަގާ ދައްކާލިއެވެ. އަދި ރޯކޮށްލާ އެއްފަހަރު ދަމާލުމަށްފަހު ޒީނާއަށްވެސް ދިނެވެ. ޒީނާވެސް ދެފަހަރަކު ބިޑި ދަމާލުމާއެކު މުޅިން މަސްތުވެގެން ދިޔައެވެ. އަދި އިރުކޮޅަކުން ޒީނާހުރީ ތަންދޮރު ނުފިލާވަރަށް ބުރާންތި ވާން ކައިރިވެފައެވެ.
އިރުކޮޅަކުން އަރީން ފޯނު ނަގާފައި ކޮންމެވެސް މީހަކަށް ގުޅިކަން ޒީނާއަށް އެނގެއެވެ. މާގިނަ އިރުތަކެއް ނުވަނީސް ޒުވާނުންތަކެއް ކޮޓަރި ތެރެޔަށް ވަތްތަން ފެނުނެވެ. އަދި ވަލު ޖަނަވާރުތަކެއްހެން އެންމެން އައިސް ޒީނާގެ ގަޔަށް އަރައިގަތެވެ. ޒީނާ ހުރީ ބިރުން ހަޅޭ ލަވައިގަންނާނެ ފަދަވެސް ނެތިފައެވެ. ޒީނާ ރޮއިރޮއި އޮށްވާ އަރީން އާއި އޭނާގެ ގުރޫޕް އައިސް އޭނާ ރޮލުން ކާލީއެވެ. ހަ ފިރިހެނުންގެ އަލާ ފިލުވާލައިފައި އެތަނުން ނުކުމެގެން ދިޔައިރު ޒީނާއޮތީ ހިރިވެސް ނުލެވިފައެވެ. އެހާލުގައި ރޯންއޮށްވާ ނިދުނު އިރެއްވެސް ޒީނާއަކަށް ނޭނގެއެވެ.
ހޭލުމަށްފަހު އެތަށް އިރެއް ވަންދެން ޒީނާ އެނދުގައި އޮތެވެ. ރޭގެ ކަންތައްތައްގަނޑު ހިތުގައި ހިނގަހިގައި ހުއްޓެވެ. ނަމަވެސް އެއްވެސް މީހަކަށް އެވާހަކަތައް ކިޔާދޭކަށް ޒީނާ އަކަށް ނުކެރޭނެއެވެ. ދުނިޔޭގެ ލަދަށްޓަކައި ޒީނާ ނިންމީ އެއްވެސް މީހަކަށް އެވާހަކަ ނޭންގުމަށެވެ. މާލޭގައި މަހެއްގެ މައްޗަށް އެތައް ރޭޕްކޭސްއެއް ހިނގާއިރު ފުލުހުންނަށް ރިޕޯޓް ކުރެވެނީ އެއިން މަދު މައްސަލައެއްކަން އެންމެންވެސް ދަންނަ ފަދައިން ޒީނާވެސް ދަނެއެވެ. އިންސާފު ހޯދަން އުޅެވޭ ވަރުގެ ހިތްވަރެއް ޒީނާގެ ކިބައިގައި ނެތެވެ. ފުލުހުންނަށް އަންގާއިރަށް އެވާހަކަތައް މީޑިއާއަށް ފެތުރޭނެއެވެ. މުޅި މާލެއަށް އެކަމާހެދި ބޭޒާރު ވާނެއެވެ.
އެހެންކަމުން އެއަނިޔާވެރިކަމުގެ ލަކުނުތައް ހިތުތެރޭގައި ފޮރުވައިގެން ޒީނާ ހުރީއެވެ. ނަމަވެސް ފޮރުވައިގެން ހުރެވޭނީވެސް ވަކި ވަރެއް ވަންދެން ތާއެވެ.
އޭގެ މަހެއްހައި ދުވަސްފަހެވެ. މޭނުބައި ކޮށްފައި ޒީނާ ހޮޑުލާން ފަށައިފިއެވެ. އަދި ޒީނާއަށް ކަމަކާ ޝައްކުވެގެން އަމިއްލައަށް ޕްރެގްނެންސީ ޓެސްޓެއް ހެދިއެވެ. ކަމަކުދާކަށް ނެތެވެ. ޒީނާ އެއިނީ ބަލިވެއެވެ. ބަލިވެއިންތާގައި އެކުއްޖާގެ ބައްޕައަކީ ކާކުކަމެއްވެސް ޒީނާއަކަށް ނޭނގެއެވެ. ހަދާނެގޮތް ހުސްވެފައިހުރި ޒީނާ އެދުވަހު ކޮޓަރިން ބޭރަށްވެސް ނުނިކުމެއެވެ.
އެގޮތުގައި ދުވަސްތައް ގުނަމުން ދިޔައިރު ޒީނާގެ ހިތަށް ތަފާތު ކަންތައްތައް ވަންނަމުން ދިޔައެވެ. މާގިނަދުވަހެއް ނުވެ މަންމަމެންނަށްވެސް އެކަން ފަޅާއަރާނެއެވެ. ފުލުސް އޮފީހަށްވެސް އަންގަފާނެއެވެ. ރައްޓެހިންގެ ކުރިމަތީގައި ބޭޒާރު ވާނެއެވެ. އެދަރިފުޅު ވައްޓާލަންވެސް އެތައް ފަހަރެއްގެ މަތިން ޒީނާގެ ހިތަށް އެރިއެވެ. ނަމަވެސް އެވަރުގެ ފާފައެއް ކުރަން ފަސްޖެހެވިފައި ހުރީއެވެ.
އެހިސާބުން އެވާހަކަތައް ހުޅުމާލޭގައި އަމިއްލައަށް ދިރިއުޅެމުންދިޔަ ޒީނާގެ ބެސްޓް ފްރެންޑް ލީޝާއަށް ކިޔައިދިނެވެ. ލީޝާ ޒީނާއަށް ހިތްވަރު ދިނެވެ. އަދި އެކުގައި ގިނަ ވަގުތު ހޭދަކުރެވޭތޯ ބެލިއެވެ. ނަމަވެސް ލީޝާއަކީ ހުޅުމާލޭގެ ފްލެޓެއްގައި އުޅޭ ކުއްޖެއްކަމުން ޒީނާއާއެކު މާލޭގައި މާގިނަ ވަގުތުތަކެއް ހޭދައެއް ނުކުރެވެއެވެ. ލީޝާގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުމުގެ ސަބަބުން އޭނާގެ ލަފާގެ މަތިން ޒީނާ މަންމައަށް އެވާހަކަ ކިޔާދިނެވެ.
މަންމަގެ ވިސްނުން ވަރަށް ތަފާތެވެ. މަންމަ އައީ ރުޅިއެވެ. އަދި ބައްޕަކައިރީގައި ވެސް ބުންޏެވެ. ޒީނާ ރޭޕްކޮށްލި ވާހަކަ ކިޔައިދިނުމުންވެސް މަންމަމެންނަށް އެކަމަށްވުރެ މުހިއްމުވީ ކޮންމެވެސް ގޮތަކުން ޒީނާގެ ބަނޑުގައިއޮތް ދަރިފުޅުން ސަލާމަތްވުމެވެ.
“ހަމަ މިހާރު ވައްޓާލާ.” މަންމަ ރުޅިއައިސްފައި އެއްޗެހި ގޮވަމުން ދިޔައެވެ. “އެހެންނޫނީ މިގޭގައި ހުންނާނެކަމެއް ނެތް. ނުކުމެގެން ދާންއުޅޭ. ނަހަލާލު ދަރިއެއް މިގެޔަށް އުފަން ކުރާނެ ކަމެއްނެތް. ނުކުމެގެން ދާންއުޅޭ.”
ޒީނާ ގެ ބަނޑުގައި އޮތީ ކުށެއްނެތް ފުރާނައެކެވެ. ޒީނާގެ ހަޔާތުގައި ކިތަންމެ ގިނަ ނުބައިކަންތައްތައް ކުރެވިފައި ހުއްޓަސް އެފުރާނަ ދުއްވާލާކަށް ޒީނާއަށް ލާހިކު ކުޅަދާނައެއް ނޫނެވެ. އެންމެ ފަހުން ގެއިން ނުކުމެގެން ދާންބުނުމުން ޒީނާ އަމިއްލަ ގެ ދޫކޮށް ނުކުތެވެ. އަދި ލީޝް އޭނާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. ހުޅުމާލޭގައި ލީޝްގެ ފްލެޓުގައި ޒީނާ ދުވަސްތައް ގުނަންފެށިއެވެ.
ޒީނާގެ ބަނޑު ދުވަހެއް ދުވަހަކަށް ބޮޑުވަމުން ދިޔައިރު ޒީނާގެ ނުތަނަވަސްކަން ދިޔައީ އިތުރު ވަމުންނެވެ. ކޮންމެވެސް ދުވަހަކުން އެސިއްރު ފަޅާއަރާނެކަން ޒީނާއަށް އެނގެއެވެ. އަދި އެކަނި މައިއެކަނި ފިރިއަކާނުލާ ދަރިއެއް ބަލަން އުޅެންޖެހޭނެ ގޮތެއް ޒީނާގެ ހިތަށް އިހުސާސްވެސް ނުކުރެވެއެވެ. ޒީނާއަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލީޝް ދިންކަމުގައި ވިޔަސް، ލީޝްވެސް ބުނަމުން ދިޔައީ ދަރިފުޅު ވައްޓާލާށެވެ.
ދުވަސްކޮޅެއް ފަހުން ޒީނާއަށް ހަބަރު ލިބުނީ ހުޅުމާލޭގައި ހުންނަ ވަތަނިއްޔާ އެންޓަނާ ބުޑުގައި ދިރިހުރި ކުއްޖަކު އެއްލާލައިފައި އޮތް ވާހަކައެއްއެވެ. އެދުވަހު ޒީނާ ހިތަށް އެރިއެވެ. ދަރިފުޅު ވިހާފައި އެހެން ހަދަންވީ ބާވައެވެ؟ ނޫނީ ދުވަސް ފުރުމުގެ ކުރިން ވައްޓާލަން ވީބާވައެވެ؟
ޒީނާ ވިހަންވީ ދުވަސް ކައިރިވަމުން އަންނަނީއެވެ. ބަނޑަށް ނުވަމަސް ވާން ދެންއޮތީ ހަފްތާއެކެވެ. މެންދުރު ހަބަރު އަޅުވާލިއިރު އަނެއްކާވެސް ކުޑަކުއްޖެއްގެ ވާހަކައެވެ. ކުޑަކުއްޖެއް ފޫޅުދަނޑިއާއެއްކޮށް ކޮތަޅަކަށް ލައި ޓްރެކް ސަރަހައްދަށް އެއްލާލައިފައި އޮތް ހަބަރެވެ. އަނެއްކާވެސް ޒީނާގެ ހިތަށް ތަފާތު ހިޔާލުތައް ވަދެގެން ދިޔައެވެ. ވިހާފައި މަރާލާފައި އެއްލާލަން ވީބާއެވެ؟
މެއި 20 ވަނަ ދުވަހު ޒީނާ ވިހަން ބަނޑުގައި ރިއްސާލިއެވެ. ލީޝް ކައިރީގައި އެހީތެރިވާން ހުއްޓެވެ. ކުރިމަތީ ހުޅުވާފައި ހުރި ޓީވީއިން ކިޔަމުން ދިޔައީ ދުވަސްނުފުރާ ވިހާފައި އޮތްކުއްޖެއް އެއްލާލައިފައި އޮއްވާ ފެނުނު ވާހަކައެވެ.
“މަ އޭރުވެސް ބުނީމޭނުން ކުރީބައިގައި ވައްޓާލާށޭ.” ލީޝް އަނެއްކާވެސް ޒީނާއަށް ހަނދާން ކޮށްދިނެއެވެ. “ވައްޓާލާފައި ކޮންމެވެސް ތަނަކަށް އެއްލާލާނީ އެހެން. ނުހޯދޭނެ މަންމައެއް ގިނަފަހަރު.”
ޒީނާގެ ހިތުގައި އަނެއްކާވެސް ތަފާތު ވިސްނުންތަކެއް ހިނގަން ފެށިއެވެ. އާއެކެވެ. ދަރިއަކު ލިބުމުން ހަރަދު ކުރާނީވެސް ކިހިނެތް ހެއްޔެވެ. މައިން ބަފައިންގެ އެއްވެސް އެހީތެރިކަމެއްވެސް މިހާތަނަކަށް ނުލިބެއެވެ. އަދި ފަހުންވެސް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އަމިއްލައަށް ކުއްޖަކު ބަލާނެ ހިތްވަރެއް ޒީނާ ގަޔަކު ނެތެއެވެ. އަދި ކުއްޖަކު ވިހާ އިރަށް ކޮންމެވެސް ގޮތަކަން ނޭނގިއެއް ނުހުންނާނެއެވެ. ޑޮކްޓަރަށްވެސް ދާންޖެހޭނެތާއެވެ. ދަރިފުޅަށް ނަމެއްވެސް ކިޔަން ޖެހޭނެތާއެވެ. މިއީ ސިއްރު ކޮށްގެން ކުރެވޭވަރުގެ ކަމެއް ނޫނެވެ.
ހުރިހާ ވިސްނުމެއް ނިންމާފައި ޒީނާ ނިންމީ ވިހާފައި ދަރިފުޅު މަރާލާށެވެ. މަރާލާފައި އެއްލާލާނީއެވެ. ޒީނާގެ ހިތުގައި ކުރިން ހުރި ރަހުމް ފިލައިގެން ގޮސްފައި ހުރި ކަހަލައެވެ.
އެތަށް އިރެއްގެ ވޭނަށްފަހު ޒީނާ ވިހައިފިއެވެ. ރުއިމުގެ އަޑު ނީވޭނެހެން ލީޝާ އެމައުސޫމް ކުއްޖާގެ އަނގަމަތީގައި އަތްއެޅިއެވެ. އަދި ފޮތިގަނޑަކަށް ލައިއޮޅާލާފައި ޒީނާގެ އަތަށް ދިނެވެ. ޒީނާ އެކުއްޖާ ހިފައި އަނގަމަތީގައި އަތް އެޅުމަށް ފަހު، ކުށެއްނެތް އެފުރާނަ ދުނިޔެއިން ދުއްވާލަން ހިތުލައި ކަރުގައި ހިފަން އަތްގެންދިޔައެވެ. ނަމަވެސް ކަރު ފިއްތާލަން ވާއިރަށް ޒީންގެ އަތް އެކުއްޖާގެ އަނގަމަތިން ނެއްޓުނެވެ. އަދި އެދަރިފުޅުގެ ރުއިމުގެ އަޑުން ކޮޓަރިތެރެ އެއްއަޑު ކުރުވިއެވެ.
އެހިނދު ކަރުގައި ހިފަން ގެންގޮސްފައިއޮތް ޒީންގެ އަތް ބޭއިހްތިޔާރުގައި ދުރުކޮށްލެވުނެވެ. އަދި އެހިތަށް މާތް ރަސްކަލާނގެ ރަހުމުގެ އަލި ފޮނުއްވިއެވެ. އެމައުސޫމް ދަރިފުޅުގެ ރުއިމުގެ އަޑު އިވުމާއެކު ޒީނާގެ ލޮލުން ކަރުނަ ހިފެހެއްޓުމެއް ނެތި އޮއްސާލިއެވެ. އަދި ކުރެވެން އުޅުނު ބޮޑު ފާފައަށް ތައުބާވިއެވެ. އަދި ލީޝާގެ ގާތުގައި ބުންޏެވެ. “އަހަރެން ކޮންމެ ހާލެއްގައިވެސް މިދަރިފުޅު ބޮޑު ކުރާނަން. މިއީ އަހަރެންގެ ދަރިއެއް. މިދަރިފުޅަށް އެއްވެސް ގެއްލުމެއް ވާކަށް އަހަރެން ބޭނުމެއްނޫން.”
ޒީނާގެ އެދުމުގެ މަތިން މަންމަމެންނަށް ގުޅާފައި އޭނާ ވިހޭ ހަބަރު ލީޝާ ދިނެވެ. ހީކުރިގޮޮތާ ޚިލާފަށް މަންމަ އާއި ބައްޕަ އެރޭ ހުޅުމާލެއަށް އައައެވެ. އަދި ޒީނާއަށާއި އެދަރިފުޅަށް ހުރިހާ އެހީއަކާއި ރައްކާތެރިކަމެއް ހޯދައިދޭނެކަމަށް ބުންޏެވެ. އަދި ޒީނާ ޑޮކްޓަރަށް ދެއްކުމަށް ފަހު ފުލުހުންނަށް ވެސް ރިޕޯޓް ކުރިއެވެ. އަދި ރޭޕްގެ ތުހުމަތުގައި އަރީން އާއި އޭނާގެ 5 ރައްޓެހިން ފުލުސް އޮފީހަށް ހާޒިރު ކުރިއެވެ.
ހަމަ އެރޭގެ ހަބަރުގައި ކިޔާއަޑު އިވުނެވެ. “މަރު ވެފައިވާ ތުއްތު ކުއްޖަކު ކޮތަޅަކަށް ލައިފައި ހުޅުމާލޭ މިސްކިތްކައިރީ ޕާކު ތެރެޔަށް އެއްލާލައިފައި އޮއްވާ ފެނިއްޖެ.” ޒީނާގެ ދަރިފުޅު އެގޮތަށް މަރާލާފައި އެއްލާލުމުގެ ކުރިން މާތް ރަސްކަލާނގެ ހިިދާޔަތު ދެއްކެވި ކަމަށްޓަކައި ޒީނާ ހަމްދުކުރިއެވެ.