ކޮވިޑް-19އިން ރައްކާތެރިވުމަށް ހދ. ނޮޅިވަރަމްފަރުގައި އަޅާފައިވާ ފިޔަވަޅުތައް އެ ރަށު ކޮވިޑް ޓާސްކް ފޯހުން ވަރުގަދަ ކޮށްފި އެވެ.
އެގޮތުން ނޮޅިވަރަމްފަރުގައި ރޭގަނޑު 09:00 އިން ފަތިހު 04:00 އަށް ކާފިއު ހިނގުމަށާއި ވިޔަފާރި ކުރާތަންތަނާއި ފިހާރަތައް ރޭގަނޑު 09:00 އިން ފަތިހު 04:30 އަށް ބަންދުކޮށްފައި ބެހެއްޓުމުގެ އިތުރުން ހޮޓާ ރެސްޓޯރެންޓް ތަކުން ހެނދުނު 06:00 އިން ރޭގަނޑު 12:00 އަށް ހަމަ އެކަނި ޑެލިވަރީ / ޓޭކްއަވޭގެ ހިދުމަތް ދިނުމަށް ވަނީ ނިންމާފަ އެވެ.
މިއަދުވެސް އެ ރަށުން ނެގުނު 26 ކޮވިޑް ސާމްޕަލްގެ ތެރެއިން 6 ސާމްޕަލެއް ވަނީ ޕޮޒިޓިވްވެފަ އެވެ. އެހެން ކަމުން މިހާތަނަށް އެ ރަށުގައި ކޮވިޑަށް ޕޮޒިޓިވް 9 މީހުން އެބަ ތިއްބެވެ.
މީގެ އިތުރުން ޒަރޫރީ ބޭނުމެއްނެތި ގެއިން ބޭރަށް ނުނިކުތުމަށާއި ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތަށް ނުބޭއްވުމަށް ކޮވިޑް ޓާސްކްފޯސްއިން ވަނީ އެދިފަ އެވެ.
އަދި ހުރިހާ ރައްޔިތުން ފަރުދީ ރައްކާތެރިކަމަށް ސަމާލިކަން ދިނުމަށާއި އެޗްޕީއޭގެ އުސޫލުތަކާއި ރަށު ޓާސްކްފޯސްގެ އެންގުންތަކަށް ތަބާވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
ނޮޅިވަރަމްފަރު މޮނިޓަރިންގގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މަހު 31 ވަނަ ދުވަހު އެވެ. އެ ރަށް މޮނިޓަރިންނަށްލީ އެ އަތޮޅު ނޮޅިވަރަމް ކޮވިޑް ޕޮޒިޓިވްވެފައިވާ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓެއް ނޮޅިވަރަމްފަރުން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ.