twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ރައީސް އަނބިކަނބަލުން ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގެ ހާލަތު ބައްލަވާލައްވައިފި

ނަބީލާ އިސްމާޢީލް
Sep 7, 2021

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ދަށުން ހިންގާ ށ. ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މި ސެންޓަރަށް ޒިޔާރަތްކުރެއްވީ ރައީސްގެ ދެ ކަނބަލުން ށ. އަތޮޅާއި ރ. އަތޮޅުގެ 8 ރަށަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެތެރެއިން ފުރަތަމަ މަންޒިލްގެ ގޮތުގައި ށ. ފުނަދޫއަށް ވަޑައިގަންނަވާފަ އެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާ މުވައްޒަފުންނާ ބައްދަލުކުރައްވާ ބޭނުންވާ ކަންތައްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ. މިގޮތުން، މުވައްޒަފުން ވަނީ ތަނަށް ބޭނުންވާ ފަންނީ މުވައްޒަފުން ލިބުމުގައި ހުރި ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މުޖުތަމައުގެ އެންމެން ގުޅިގެން އަޅާލައި އޯގާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އެ ސެންޓަރުގެ މުވައްޒަފުން އެ ކުދިން ބެލުމުގައި ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

އެ ސެންޓަރުގައި މި ވަގުތު 14 ކުދިން އަންނަނީ ދިރިއުޅެމުންނެވެ. މި ސެންޓަރަކީ މުޖުތަމައުގައި ނާޒުކު ހާލަތުގައި ތިބި ކުދިންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355