twitterviber whatsapp telegramfacebookyoutube instagram
18th May 2024

ލާމަރުކަޒީ ނިޒާމުގެ ތެރޭން ރާއްޖެ ތަރައްގީކުރަން، ކައުންސިލްތަކުގެ އެއްބާރުލުން ބޭނުން: ރައީސް

ނަބީލާ އިސްމާޢީލް
Sep 7, 2021

ލާމަރުކަޒީގޮތުން ރާއްޖެ ތަރައްޤީކުރުމަށް ކައުންސިލުތަކުން އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންނެވީ ށ.ޅައިމަގު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސްވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލުތަކަށް ގިނަ ބާރުތަކަކާއި އިހުތިޔާރު ތަކެއް ލިބިފައިވާކަން ފާހަގަކުރައްވައި އެ ކަންކަމުގެ ބޭނުން ހިފައި ރަށު ތަރައްޤީއަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު ހަވީރު ޅައިމަގުގައި ކައުންސިލު އިދާރާގައެވެ.

ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މިހާރު ކުރިޔަށްދާ އެރަށުގެ ބަނދަރު އެކްސްޕޭންޝަން ޕްރޮޖެކްޓްގެ ދަށުން ބަނދަރު އިތުރަށް ބޮޑުކޮށްދިނުމަށް އެދުމާއި، ބަނދަރުގެ ޕްރޮޖެކްޓާއެކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓްކުރިޔަށްގެންދިއުމާއި ކަރަންޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާއި ސިއްހީ ހިދުމަތުގެ ފެންވަރު މަތިކޮށް ހިދުމަތް ފުޅާކުރުމާއި ފުލުހުންގެ ހިދުމަތް ގާއިމުކުރުމާއި އަދި މި ނޫންވެސް ރަށުގެ ތަރައްގީއަށް މުހިންމު ކަންކަން ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކުރިޔަށްގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ. އަދި މީގެ އިތުރުން ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދެވޭ މަޝްރޫއުތަކުގެ ފަހުގެ މައުލޫމާތުތައް ރައީސް ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.

އެގޮތުން ފުލުހުންގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ގޮތުން ކުރިޔަށްދާ މަސައްކަތުގެ ތެރެއިން ޅައިމަގަށްވެސް ފުލުހުންގެ ހިދުމަތް ލިބިގެންދާނެކަން ފާހަގަކުރައްވައި އެރަށަށް އިސްކަން ދެއްވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ކައުންސިލުން ފާހަގަކުރެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައިގެން އެކަންކަން ޙައްލުކުރުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ވަނީ ޅައިމަގު ބަނދަރުގެ މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލައްވާފައެވެ. އަދި ޅައިމަގު ސްކޫލަށް ޒިޔާރަތްކުރައްވައި ސްކޫލް ބައްލަވާލެއްވުމުގެ އިތުރުން ބަނދަރު ސަރަޙައްދުގައި އެރަށުގެ އަންހެންބޭފުޅުންކޮޅަކާއި ބައްދަލުކުރައްވައި ހިޔާލު ބަދަލުކޮށްލައްވާފައެވެ.

މި ދަތުރުފުޅަކީ ށ. އަތޮޅު 4 ރަށަކަށާއި، މާޅޮސްމަޑުލު ރ އަތޮޅުގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355