twitterviber whatsapp telegramfacebookyoutube instagram
18th May 2024

ރައީސްގެ އަނބިކަނބަލުން ވާދޫ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

Sep 8, 2021

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ރ. ވާދޫ ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހަވީރު ވާދޫ ސްކޫލްގެ އިސްވެރިންނާއިއެކު ރައީސްގެ އަނބިކަނބަލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ ސްކޫލަށް ބޭނުންވާ އެކި ކަންތަކާއި ގުޅޭގޮތުންނާއި، ދިމާވާ ދަތިތަކާއި ސްކޫލް ހިންގުމުގައި ގެންގުޅުއްވާ އުސޫލުތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އެކަމަނާ ވަނީ ވަސީލަތްތައް ތަރައްޤީ ކުރުމުގެ އިތުރުން ތައުލީމީ ދާއިރާގައި މީހުންބިނާ ކުރުމަށް ވެސް ހާއްސަ އިސްކަމެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. މިގޮތުން އެކަމަނާ ވަނީ މަތީ ތައުލީމުގެ ފުރުސަތުތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ.

މީގެ އިތުރުން ވެސް އެކަމަނާ ވަނީ ކުދިން ކެރިއަރ ގައިޑަންސްއާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށާއި ޓީޗަރުންގެ ޤާބިލުކަން އިތުރުކުރުމާގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.

ވާދޫ ސްކޫލަކީ 108 ދަރިވަރުން އެލްކޭޖީއިން ފެށިގެން ގްރޭޑް 10 އާ ހަމަޔަށް ކިޔަވައިދެމުންދާ ސްކޫލެކެވެ. ސްކޫލްގެ އިސްވެރިން ވަނީ މިވަގުތު ވާދޫގައި ދިރިއުޅޭ ސްކޫލް ނިންމާފައިވާ ހުރިހާ ދަރިވަރުންވެސް ތިބީ ސަރުކާރުގެ އެކި މަޝްރޫޢުތަކާގުޅޭ ވަޒީފާތަކުގައިކަން އުފަލާއެކު ފާހަގަކުރައްވާފައެވެ.

ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ކެމްޕެއިންގެ ދަށުން ސްކޫލްގެ އިސްވެރިން ވަނީ މެޑަމް ފަޒުނާއަށް 4 ބިއްލޫރި ފުޅި ހަދިޔާކުރައްވާފައެވެ. މި ޒިޔާރަތުގައި އެކަމަނާ ވަނީ ވާދޫ ސްކޫލްގެ ލައިބްރަރީއަށް ގަނާކުރުމާ ބެހޭގޮތުނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ހަދިޔާކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެވަގުތު ސްކޫލްގައި ތިބި އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނާ ބައްދަލުކުރައްވައި އެކުދިންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ. ވާދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ށ. އަތޮޅު 4 ރަށަކަށާއި، ރ.އަތޮޅު 4 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ފަސްވަނަ މަންޒިލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355