twitterviber whatsapp telegramfacebookyoutube instagram
29th March 2024

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެ

ނަބީލާ އިސްމާޢީލް
Sep 16, 2021

ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މި އަހަރުގެ ބައިނަލްއަޤްވާމީ ޑިމޮކްރެސީ ދުވަހުގެ މުނާސަބަތުގައި ދިވެހި އެންމެހާ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިޠާބުގައެވެ. ހިތާބުގައި އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އެއްވެސް އަސާސީ ހައްގަކަށް އެއްވެސް ހުރަހެއް ނާޅާނެކަމަށެވެ.

އަދި ކޮންމެ ހާލެއްގައިވެސް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ ޑިމޮކްރެސީން ކަށަވަރުކޮށްދޭ ހައްގުތައް އޭގެ އެންމެ ފުރިހަމަ މާނައިގައި ލިބިދިނުމަށްކަމުގަ އެވެ.

ރައީސް ވިދާޅުވީ ހާއްސަކޮށް ދައުލަތުގެ ކަންކަމާ މެދު ބަސްބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން އެއްވެސް ހުރަހެއް ނާޅާނެކަމުގަ އެވެ. މީގެ އިތުރުން ސަރުކާރުގެ އެންމެހައި ކަންކަން ދެފުށް ފެންނާނެހެން ހާމަކުރުމާއި، މައުލޫމާތު އާންމުކުރުމަކީވެސް، ޑިމޮކްރެސީގެ ހަމަތައް ނެގެހެއްޓުމުގައި މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ޑިމޮކްރެސީ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ގައުމުތަކުގައި ޑިމޮކްރެސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތްކަމާއި އޮތް މިންވަރު ކަށަވަރު ކުރުންކަމުގައެވެ.

ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރުކުރުމާއި ރައްޔިތުންގެ ރުހުމާއި ބައިވެރިވުމާއެކު ރައްޔިތުން އެދޭ ގޮތަށް ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގެ ހައްގު ލިބިދިނުމަކީވެސް ޑިމޮކްރަސީ ދުވަހެއް ފާހަގަކުރުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޑިމޮކްރަސީގެ އެންމެ ވަރުގަދަ އަސާސަކީ ދައުލަތް ހިންގާނެ ބަޔަކު ކަނޑައެޅުމުގައި ބައިވެރިވުމުގެ ފުރުސަތު މިނިވަންކަމާއެކު ހުޅުވައިލެވިފައި އޮތުމާއެކު، ރައްޔިތުންގެ ބައިވެރިވުން އޮވެގެން ދައުލަތުގެ ވެރިން ކަނޑައެޅުން ކަމުގައި އެއީ އެ ގައުމެއްގެ ދުސްތޫރީ އޮނިގަނޑުގައި ކަނޑައެޅިފައި އޮންނަ މުއްދަތުތަކުގައި އިންތިހާބުތައް ބާއްވައިގެން ދައުލަތުގެ އިންތިހާބީ މަގާމުތަކުގެ ދައުރު ބަދަލުކުރަމުން ގެންދިއުންކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސިޔާސީ މައިދާނުގައި މިއަދު ދިވެހިން އަންނަނީ ޒަމާނީ ޑިމަކުރަސީއަށް ހޭނެމުންކަމަށެވެ. އަދި ރައްޔިތުންގެ ބާރުތަކާއި ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުގެ އިތުރުން އަދާކުރަން ޖެހޭ ޒިންމާތަކަށް މިއަދު ރައްޔިތުން އަހުލުވެރިވަމުން އަންނަކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355