ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ޕޯޗުގަލްގެ ރައީސް ހިޒް އެކްސެލެންސީ މާސެލޯ ރެބެލޯ ޑިސޯޒާއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް ސޯލިހް ޕޯޗުގަލްގެ ރައީސްއާ ބައްދަލު ކުރެއްވީ އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ. މި ބައްދަލުކުރެއްވުން ބާއްވާފައި ވަނީ މިއަދު އ.ދ. ގެ މައި އިދާރާގައެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމުގައި ރައީސް ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާ ބެހޭގޮތުންނާއި، މި ބަލިމަޑުކަން ކޮންޓްރޯލްކުރުމަށް ސަރުކާރުން އަޅުއްވާފައިވާ ކާމިޔާބު ފިޔަވަޅުތައް ފާހަގަކުރައްވައި ވާހަކަފުޅު ދެއްކެވިކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ވެކްސިންދެވޭ މުޅި އާބާދީއަށް ވީހާ އަވަހަށް ވެކްސިން ފޯރުކޮށްދީ ނިންމުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކޮވިޑް-19 އެކްޓިވް ކޭސް ރާއްޖޭގައި މަދުވަމުން އަންނަކަން ފާހަގަކުރައްވަމުން، އެމަނިކުފާނު ވަނީ އެކަމާ ގުޅިގެން ދަތުރުފަތުރުކުރާ ފަރާތްތަކަށާއި ފަތުރުވެރިންނަށް ލުއިތައް ދީފައިވާކަންވެސް ފާހަގަކުރައްވާފައެވެ.
ޕޯޗުގަލްގެ ރައީސް ވަނީ އެ ގައުމުގެ އާބާދީގެ 95 އިންސައްތައަށް ވެކްސިން ދީފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖެއިން އ.ދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކޮށްފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވެ، ކޮވިޑް-19 ޕެންޑަމިކަށްފަހު އިޖްތިމާއީ ގޮތުންނާއި އިގްތިސާދީގޮތުން ދުނިޔޭގެ ގައުމުތައް އާރާސްތުކުރުމަށް ކުރިޔަށްދާ މަސައްކަތުގައި އ.ދ.ގެ ރިޔާސަތުގެ ހިއްސާ ފާހަގަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ޕޯޗްގަލްގެ ރައީސް ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތައް މިހާރު ތިއަރީތަކުން ފެންނަށްހުރި ހަގީގަތްތަކަށްވުރެ ފުޅާވެ އިންފަހަނައަޅާ ގޮސްފައިވާކަމުގައެވެ. އަދި ޕޯޗްގަލްއާއި ރާއްޖެއަކީވެސް ކަނޑާގުޅިފައިވާ ދެ ގައުމުކަމުގައިވާތީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރަނގަޅު އަސަރުތައް ދެ ގައުމަށްވެސް ފޯރާކަން ޕޯޗްގަލްގެ ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ޕޯޗްގަލްގެ ރައީސް ވަނީ ޕޯޗްގަލްއާއި ކެންޔާ ގުޅިގެން އަންނަ އަހަރު ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި އިންތިޒާމުކޮށް ބާއްވާ އޯޝަންސް ކޮންފަރެންސުގައި ބައިވެރިވެ ވަޑައިގެންނެވުމަށާއި، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ރައީސްއަށް ދަޢުވަތު އަރުވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ޕްލާސްޓިކް ކުނިބުނިން ކަނޑުތައް ސަލާމަތްކޮށް ކަނޑުގެ ދިރުން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ އޯޝަންސް ކޮންފަރެންސަކީ އުފެއްދުންތެރި ޙައްލުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ކޮންފަރެންސަކަށްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުންވެސް ވަނީ އިގްތިސާދީ ގޮތުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އެގޮތުން ޕޯޗުގަލްގެ ރައީސް ވަނީ ފަތުރުވެރިކަމުގެ ދާއިރާއާއި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި، ޑިޖިޓަލައިޒޭޝަންގެ ދާއިރާއަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކެއްކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރެއިން ޑިޖިޓަލައިޒޭޝަންގެ ދާއިރާއަށް އިޝާރާތްކުރައްވައި، މި 2021 ވަނަ އަހަރު "ވެބް ސަމިޓް"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޓެކްނޮލޮޖީ ކޮންފަރެންސްއަކީ ރާއްޖެއިން ޝައުވެރިވާނަމަ ބައިވެރިވުން މުހިންމު ކޮންފަރެންސެއްކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެ ގައުމުގެ ދޭތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރުމަށް ދެ ބޭފުޅުންވެސް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ. އަދި، ޕޯޗުގަލްއާއި ޔޫރަޕުގެ އިއްތިހާދަށްވެސް ފައިދާ ކުރަނިވި އިންވެސްޓްމެންޓް ފުރުސަތުތައް ފަހިކުރެއްވުމާ ބެހޭ ގޮތުން ދެބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމަ އެހެންމެ ދެ ބޭފުޅުން ވަނީ ނޫ އިގްތިސާދު ފަދަ، ދެ ގައުމުން ޝައުވެރިކަން ބޮޑު ދާއިރާތަކުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިޔަށްއޮތް އަހަރުތަކުގައި ދެ ޤައުމުގެ ގުޅުން މަތީ ހަރުފަތްތަކަށް ގެންދިއުމުގެ އުންމީދުތައް އައު ކުރައްވަމުންނެވެ.
ރާއްޖެއާއި ޕޯޗުގަލްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ މީގެ 26 އަހަރު ކުރިން، 1995 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ 9 ވަނަ ދުވަހުއެވެ.