ދުނިޔެ ހޫނުވަމުން ދިއުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަޅުގަނޑުމެން އިންސާނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ޖަލްސާގެ ހަވާސާގެ ތެރެއިން ޓްރާންސްފޮމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްއިން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ގުދުރަތީ ތިމާވެށީގެ ހިމާޔަތް ކަށަވަރު ނުކޮށް ހާސިލު ކުރެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ އެއްވެސް އަމާޒެއް ނޯންނާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދުނިޔެއަކީ އަބަދުވެސް އެކި ކަހަލަ ބަދަލުތައް އަންނަމުންދާ ތަނެއްކަމަށާއި، މިބަދަލުތައް އަންނަމުން ދިއުމާއެކުވެސް ދުނިޔެއަށް ބަރޯސާވާ ބަރޯސާވުން ނުހުއްޓުވޭނެކަން ފާހަގަކުރެއްވިއެވެ.
އަދި މި ސަބަބަށްޓަކައި މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތައް ކުޑަކުރުމަށް މަސައްކަތްކުރުމަށާއި ބަޔޯޑައިވަރސިޓީ ރައްކާތެރިކުރުމަށާއި، އިޤްތިޞާދީ ސިޔާސަތުތައް ބައްޓަން ކުރުމުގައި ތިމާވެއްޓާ އެއްކީލިގޮތަކަށް ސިޔާސަތުތައް ބައްޓަންކޮށް އަމަލުކުރަމުން ގެންދިއުމަށް ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނަށް ރައީސް ގޮވާލެއްވިއެވެ.
ހަމައެއާއެކު ދުނިޔެ ހޫނުވުމުގެ ފުރިހަމަ ޒިންމާ ނަގަން ޖެހޭނީ އިންސާނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ދުނިޔެއަށް ކުރިމަތިވެފައިވާ ވެށީގެ މައްސަލަތައް ހައްލުކޮށް، ދުނިޔޭގެ ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައްް ކުޑަ ކުރަން މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެ ވާޖިބެއް ކަމަށް ވިދާޅުވިއެވެ.
ޓްރާންސްފޮމޭޓިވް އެކްޝަން ފޯ ނޭޗާ އެންޑް ޕީޕަލްއަކީ މޫދަށް އަޅާ ކުނި މަދު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެ ގޮތުގެ އިތުރުން ދުނިޔޭގެ ދިރުންތައް އާލާކޮށް ދެމެހެއްޓުމުގައި ބޭނުންކުރެވިދާނެ އުސޫލުތައް ހޯދާ ބަލާ ހަރަކާތެކެވެ. އަދި ގައުމުތަކުގެ ވެރިންނާއި މި ދާއިރާގައި ޝާމިލުވާ އެކިއެކި ފަރާތްތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.