twitterviber whatsapp telegramfacebookyoutube instagram
18th May 2024

ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެ އާއި ކުވޭތުގެ ގުޅުން ބަދަހި ކުރަނީ

ނަބީލާ އިސްމާޢީލް
Sep 25, 2021

ދިވެހިރާއްޖެއާއި ކުވޭތާ ދެ ޤައުމުގެ ދޭތެރޭގައި ފަތުވެރިވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކުވޭތުގެ ބޮޑުވަޒީރު ޝައިހް ސަބާހް ހާލިދު އަލް ހަމަދް އަލް ސަބާހު މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމުގެ ގޮތުން ރައީސް ސޯލިހު އެމެރިކާގެ ނިއުޔޯކަަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުގެ އިސްވެރިން ވެސް ވަނީ ރާއްޖެއާއި ކުވޭތާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަކޮށް، އެ ދާއިރާއިންވެސް ގުޅުން ބަދަހިކުރުމަށް ރައީސާއި ބޮޑުވަޒީރު މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ސުލްހައާއި ރައްކާތެރިކަން ކަށަވަރުކުރުމާއި އަދި ވިލުންތެރިކަން އިތުރުކުރުމަށް އދ ފަދަ ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ތެރެއިން ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކުވޭތަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ހާއްސަގޮތެއްގައި ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޭ.އެފް.އޭ.އީ.ޑީ) މެދުވެރިކޮށް ރާއްޖެއަށް ލިބޭ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކާއި އިޖުތިމާޢީ ތަރައްޤީގެ ދާއިރާއިން ކުވޭތު ފަންޑުގެ އެހީތެރިކަމާއެކު ގިނަ މަޝްރޫޢުތަކެއް ހިންގާފައި ވާތީ އެކަން އެމަނިކުފާނު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކުވޭތުގެ ބޮޑުވަޒީރު ވަނީ، ރާއްޖެއާއި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމިއޮތުމަށްޓަކައިވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

އަދި، އ.ދ.ގެ ޢާންމު މަޖިލީހުގެ ބަހުސްތައް ކުރިއަށްދިޔަގޮތަށް ރިޢާޔަތް ކުރާއިރު އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ރިޔާސަތުގެ ދައުރުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ޢާންމު މަޖިލީހުގެ އެޖެންޑާގެ އެންމެ އިސްކަންދޭ މައްސަލައެއްގެ ގޮތުގައި އަބަދުވެސް އޮންނާނެ ކަމެއްކަމުގައި ޤަބޫލުކުރައްވާ ކަމުގައިވެސް ކުވޭތުގެ ބޮޑު ވަޒީރު ވިދާޅުވިއެވެ.

ރާއްޖެއިން ކުވޭތާއެކު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1977 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355