twitterviber whatsapp telegramfacebookyoutube instagram
5th May 2024

އެލަވަންސްތައް އަލުން ދޭން ފަށާއިރު ނުލިބި ދިޔަ ދުވަސްތައް ނުހިމަނާނެ: އަމީރު

މުޙައްމަދު އަހުމަދު
Sep 28, 2021

ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން ކަނޑާލި އެލަވަންސްތައް އަލުން ދޭން ފަށާއިރު ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ކުރެއްވި ސުވާލަކަށް ލިއުމުން ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑްގައި ގެއްލުނު އާމްދަނީ ދައުލަތަށް އަލުން ނުލިބޭނެ ކަމަށާއި އެކަމުގެ ސަބަބުން އިގްތިސާދުން ގެއްލިގެންދިޔަ ބައިގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ވަޒީފާ ގެއްލުނު އިރު ސިވިލް ސާވިސް މުވައްޒަފުން މަދުނުކޮށް އޮތުމަކީ އަދި މީގެ އިތުރަށް މުސާރައިން އުނި ނުކޮށް ބޭއްވިފައި އޮތުމަކީ ލިބުނު ކާމިޔާބީއެއް ކަމަށެވެ.

އެލަވަންސެއް އަލުން ދޭން ފަށާއިރު އެ އެލަވަންސް ނުލިބި ދިޔަ ދުވަސްތައް ހިމަނަން ނުފެންނަ ކަމުގައި މިނިސްޓަރު ވިދާޅުވެފައިވާއިރު އެއީ ދެމެހެއްޓެނިވި މިންގަނޑެއްގައި ހަރަދުތަކާއި އާމްދަނީ ބެހެއްޓުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ހުއްޓައިލެވުނު އެލަވަންސެއްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފަ އެވެ.

ހުއްޓައިލި އެލަވަންސްތަކުގެ ތެރެއިން ސެޓްފިކެޓް އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށާއި އެހެންނަމަވެސް ޕާފޯމެންސް އެލަވަންސް ދޭން ފެށޭނީ ދައުލަތުގެ އާމްދަނީއަށް ލިބިގެންދިޔަ ހީނަރުކަން ފިލުމުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގައި އިގުތިސާދަށް އައި ހީނަރުކަމާއެކު ވެސް ހަރަދުތަކެއް ކުރަން ޖެހުމާއެކު ދައުލަތުގެ ފިޒިކަލް ޑެފިސިޓާއި ދަރަނި މިދިޔަ އަހަރު ބޮޑުވެފައިވާ ކަމަށެވެ. އަދި އެގޮތުން އިތުރުވި ޑެފިސިޓާއި ދަރަނި ދެމެހެއްޓޭވަރުގެ މިންގަނޑަކަށް އަލުން އަނބުރާ ގެންދަން އަދިވެސް ހަރަދު ކުޑަކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މަޖިލީހުގެ އެއްބާރުލުން ލިބޭނެކަން ޔަގީންކުރައްވާ ކަމަށް ވެސް މިނިސްޓަރުގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355