twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޭޕާލް އަތުން ފުރަތަމަ ފަހަރަށް ބަލިވެ ރާއްޖެއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ

މުޙައްމަދު އަހުމަދު
Oct 1, 2021

ސަރަހައްދީ މުބާރާތް ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު 1 - 0 ން ނޭޕާލުން ކާމިޔާބުކޮށްފި އެވެ. އެއާއެކު ނޭޕާލް އަތުން ފުރަތަމަ ފަހަރަށް ރާއްޖެއަށް މިވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

37 އަހަރުތެރޭ ފުރަތަމަ ފަހަރަށް ނޭޕާލް އަތުން ރާއްޖެ ބަލިވެފައިވާއިރު މިއީ ރާއްޖެއިން މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ. ހޯސްޓް ގައުމުގެ ގޮތުގައި އޮތް ރާއްޖެ މިރޭ ކުޅުނު މެޗުން ބަލިވީ 1 - 0 ގެ ހަނި ތަފާތަކުންނެވެ.

މީގެކުރިން ރާއްޖެއާއި ނޭޕާލް 8 ފަހަރެއްގެ މަތިން ބައްދަލުކޮށްފައިވާއިރު 4 މެޗުން ރާއްޖެވަނީ މޮޅުވެފަ އެވެ. އަދި 4 މެޗުން ވަނީ އެއްވަރުވެފަ އެވެ،

މިރޭގެ މެޗު ޑޮމިނޭޓްކޮށްގެން ކުޅެމުން ދިޔައީ ރާއްޖެއިން ކަމުގައިވީ ނަމަވެސް ރާއްޖެއަށް ވަނީ މެޗުގައި ނަތީޖާ ނެރެވޭ ގޮތް ނުވެފަ އެވެ. މެޗުގައި ރާއްޖެއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް ނޭޕާލްގެ ގޯލާ އަމާޒުކޮށްފަ އެވެ. އެގޮތުން ރާއްޖެއިން މުޅިއެކު 14 ޝޮޓެއް ފޮނުވާލިއިރު ނޭޕާލުން ފޮނުވާލާފައިވަނީ 12 ޝޮޓެވެ. ނަމަވެސް ނޭޕާލުން ވަނީ ގޯލާ އަމާޒުކޮށް 6 ހަމަލާއެއް ފޮނުވާލާފަ އެވެ. އެހެންނަމަވެސް ރާއްޖެއަށް ފޮނުވާލެވިފައިވަނީ 4 ހަމަލާ އެވެ.

ލަނޑެއް ޖެހުމަށް ކުރިއަށް ޖެހިގެން ރާއްޖެއިން ކުޅެމުން ދަނިކޮށް ލިބުނު ކައުންޓާ އެޓޭކެއްގައި ނޭޕާލްގެ މަނީޝް ދަންގީ ވަނީ ބޯޅަ ހިފައިގެން ގޮސް އޭރިއާތެރެއަށް ވަދެ ރާއްޖެ ކޮޅަށް ލަނޑެއް ޖަހާފަ އެވެ. މިލަނޑާއެކު އެގައުމުން ފުރަތަމަ މެޗު ކާމިޔާބުކުރިއިރު މިމޮޅަކީ އެޓީމަށް ވަރަށް މުހިންމު މޮޅެކެވެ.

ރާއްޖެ އަތުން ފުރަތަމަ ފަހަރަށް މޮޅުވިއިރު މިމޮޅު ވެގެންދާނީ މުބާރާތުގެ ތަށި ހޯދުމަށް އެމީހުން ކަނޑައަޅާފައިވާ ޓާގެޓަށް ވާސިލުވުމަށް އިތުރު ފަސޭހަ އަކަށެވެ. އެއީ ނޭޕާލަކީ މީގެކުރިން ދުވަހަކުވެސް މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެއް ނޫނެވެ.

ކުލަގަދަ ރަސްމިއްޔާތަކަށް ފަހު މުބާރާތް ހުޅުވިއިރު މި މެޗު ބައްލަވާލައްވަން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމް ވެސް ވަނީ ދަނޑަށް ވަޑައިގެންފަ އެވެ.

މި ފަހަރުގެ މުބާރާތުގައި ފަސް ޓީމު ވާދަކުރާތީ ހުރިހާ ޓީމެއްގެ މެދުގައިވެސް ކުޅޭނީ ފުރަތަމަ ލީގު ބުރެކެވެ. ފައިނަލަށް ދާނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެ ޓީމެވެ.

ދެން މިމުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 4 ވާ ހޯމަ ދުވަހު އެވެ. އެދުވަހު ހަވީރު 4 ޖަހާއިރު ބައްދަލުކުރާނީ ބަންގްލަދޭޝް އާއި އިންޑިއާ އެވެ. އަދި އެރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ނޭޕާލެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355