މިހާރު ރާއްޖޭގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ހުކުރު ދުވަހުގެ ރޭ ރާއްޖެއާއި ނޭޕާލް ބައްދަލުކުރި މެޗުން ބަލިވި ކުޅުންތެރިން ހިތްވަރު އެލުވައެއް ނުލަ އެވެ. އަދި ގައުމީ ޓީމުގެ ކުޅުންތެރިން ދިނީ އުއްމީދުން ފުރިގެންވާ މެސެޖުތަކެކެވެ.
ގިނަ ކުޅުންތެރިންތަކެއް މެޗަށް ފަހު ސޯޝަލް މީޑީއާގައި ވަނީ ޝުއޫރުތައް ފާޅުކޮށްފަ އެވެ. އަދި އުއްމީދުން ފުރިގެންވާ ބަސްތަކެއް ދޫކޮށްލާފަ އެވެ. އެރޭ ކުޅެވުނު މެޗުން 1 - 0 ގެ ނަތީޖާއަކުން ރާއްޖެ ބަލިވެފައިވާއިރު އެއީ ވޭތުވެދިޔަ 37 އަހަރުތެރޭގައި ދުވަހަކުވެސް މިމުބާރާތް ކާމިޔާބުކޮށްފައިނުވާ ނޭޕާލް އަތުން ބަލިވި ފުރަތަމަ ފަހަރެވެ.
މެޗުގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފަ އެވެ. ނަމަވެސް ނަތީޖާ ނުނެރުވުމުގެ ސަބަބުން މޮޅުވެވޭ ގޮތް ނުވީ އެވެ. ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ފުރަތަމަ ތިން ޕޮއިންޓް ގެއްލިގެން ދިއުމަކީ ހަމަ ވަރަށް ބޮޑަށް ޕްރެޝަރަށް ވެއްޓިގެންދާނެ ސަބަބެއް ކަމަށާއި އެހެންވުމުން މިހާރު މި އޮތީ އަލުން ފަށައިގަނެގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިކަމަށެވެ.
އެހެންކަމުން މިފާހަގަކޮށްލަނީ ބައެއް ކުޅުންތެރިން މެޗަށް ފަހު ދިން އުއްމީދީ މެސެޖުތަކެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އެމެޗަށް ފަހު އޭނާގެ ފޭސްބުކް ރަސްމީ ޕޭޖްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެމެޗުން ނުކުތީ އެންމެ ހީކުރި ނަތީޖާ ނޫން ކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ނަތީޖާ ރަނގަޅު ކުރުމަށް އެންމެން އެކުގައި ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށް ދަގަނޑޭ ބުނެފައިވެ އެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ނޭޕާލާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ފުރަތަމަ އެގާރައިގައި ދަގަނޑޭ ހިމެނުނުއިރު މިއީ ފާއިތުވި ފަސް އަހަރެއްހާ ދުވަސްތެރޭ އޭނާ ސާފްގެ މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެވެ.
2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކޮށް ސެމީ ފައިނަލުގައި ނޭޕާލް ކޮޅަށް ދެލަނޑު ޖަހައިދިން އިބްރާހިމް ވަހީދު ހަސަން (އިއްބެ) ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އަދި ފެށުން ކަމަށާއި އަދި ކުރިއަށް އޮތީ ކަމަށެވެ.
ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅެން ލިބުމުން ވަރަށް އުފާވާ ކަމަށްވެސް އޭނާ ބުނެފައިވާއިރު މެދުކެނޑުމަކަށް ފަހު އެނބުރި ޓީމަށް އާދެވުމުންވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށް އިއްބެ ބުންޏެވެ.
ގައުމީ ޓީމުގެ ކުޅަދާނަ ފޯވާޑް އަލީ ފާސިރު (ސެންޓޭ) އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނީ ފުރަތަމަ މެޗުން މޮޅު ނުވުމަކީ ހިތްހަމަޖެހޭ ނަތީޖާއެއް ނޫން ކަމަށެވެ. ނަމަވެސް ގައުމީ ޓީމު އެނބުރި އަންނާނީ މާ ވަރުގަދަކޮށް ކަމަށް އޭނާ ބުންޏެވެ.
ރާއްޖޭ ދެވަނަ މެޗުގައި މިމަހުގެ 7 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.