ރަށްރަށުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންގެ މުސާރަ ޖަމާވުން މި މަހު ލަސްވި ނަމަވެސް އެ ހުރިހާ މުވައްޒަފުންގެ މުސާރަ މިރޭ ޖަމާކޮށް ނިމޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މި އޮކްޓޫބަރު މަސް ފަށައި ތިން ދުވަސްވީ އިރު ވެސް އަތޮޅު ތަކުގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ ބައެއް މުވައްޒަފުންނަށް މުސާރަ ޖަމާ ނުވާތީ ޝަކުވާ ބޮޑުވެފައި ވެއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މުސާރަ ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި މުސާރަ ނުލިބޭ ހުރިހާ މުވައްޒަފުންނަށް މިރޭގެ ނިޔަލަށް މުސާރަ ލިބޭނެ ކަމަށެވެ.
ބައެއް މުވައްޒަފުންނަށް މުސާރަ ދިނުމުގައި ލަސްތަކެއް ދިމާވީ މުވައްޒަފުންގެ މައުލޫމާތުތައް އާ ސިސްޓަމަކަށް އަޅާތީ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.