ކުޅުދުއްފުށީ ސިޓީގައި ބީޗް ކުޅިވަރުތައް ކުޅޭނެ ކޯޓުތަކެއް ތަރައްގީކުރުމަށް ސިޓީ ކައުންސިލުން ނިންމައިފި އެވެ. ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން ބީޗް ކުޅިވަރުތައް ކުޅޭނެ ކޯޓުތަކެއް ތަރައްގީކުރަން މަޝްވަރާކުރީ އިއްޔެ އޮތް އެ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި އެވެ.
މޭޔަރު ވިދާޅުވީ ގައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ކުޅުދުއްފުށީގައި ފާހަގަ ކުރަން ނިންމާފައިވާތީ އެކަމަށް ތައްޔާރުކުރާ ތަނަކީ ކުރިއަށްއޮތްތާގައިވެސް ރައްޔިތުންނަށް ބޭނުންކުރެވޭނެ ތަނެއްގެ ގޮތުގައި ބޭއްވުމަށް ކަމަށެވެ. މޭޔަރު ވިދާޅުވީ ހާއްސަކޮށް މި ރަށަކީ ބީޗް ކުޅިވަރުތަކަށް ބޮޑު ޝައުގުވެރިކަމެއް އޮތް ރަށަކަށް ވުމުން ކަމަށާއި ޒުވާނުންގެވެސް ވަރަށް ބޮޑު އެދުމަކަށް ވުމުން ކަމަށެވެ.
އެޖެންޑާގައި ބަހުސް ކުރުމަށް ހުޅުވާލި ފުރުސަތުގައި ކައުންސިލް މެމްބަރު މުހައްމަދު ދާއޫދު ވިދާޅުވީ މި އެޖެންޑާއަކީ ވަރަށް ރަނގަޅު އެޖެންޑާއެއް ކަމަށާއި މި ސިޓީއަކީ ކުޅިވަރުތައް އިންތިޒާމު ކުރަމުން އަންނަ އެއް ސިޓީ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި މީގެ ކުރިން ބީޗް ކުޅިވަރުތަކަކީ ހަމައެކަނި މާލެއަށް ހާއްސަ ކުޅިވަރުތަކެއް ނަމަވެސް ކުޅުދުއްފުށީގެ ޒުވާނުން އިސްނެގުމާ އެކު ބީޗް ހޭޑްބޯޅަ މިހާރުވަނީ މިރަށުގައި ވަރަށް ބޮޑަށް ތަރައްގީކޮށްފަ ކަމަށެވެ.
އޭނާ ވިދާޅުވީ އޭގެ ހެއްކެއްގެ ގޮތުން ހޭންޑްބޯލް އެޝޯސިއޭޝަނުން ވަނީ ކޮމަންވެލްތް ގޭމްސްއަށް ޓީމެއް ތައްޔާރުކުރުމަށް މި ސިޓީއަށް އައުމަށް ނިންމާފަ ކަމަށާއި އެ ގޭމްސްގައި މި ސިޓީގެ ޓީމަކާއި މެނޭޖްމެންޓެއް އެކުލެވޭ ގޮތަށް އެ މުބާރާތަށް ދަތުރުކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައި ކަމަށެވެ. އެހެން ކަމުން މިހާރުން ފެށިގެން މި ކުޅިވަރުތައް ކުޅޭނެ ސަރަހައްދުތައް ކައުންސިލުން ތަރައްގީކޮށް ކުޅިވަރުކުޅޭނެ އިންތިޒާމު ހަމަޖައްސައިދީފިނަމަ މިކުޅިވަރަށް އިތުރު ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.
މި އެޖެންޑާގެ ވޯޓަށް ހުޅުވާލި ފުރުސަތުގައި އެ ބައްދަލުވުމަށް ހާޒިރުވި ހުރިހާ މެމްބަރުގެ އަގުލަބިއްޔަތުން ވަނީ ފާސްވެފަ އެވެ. ބީޗު ކުޅިވަރުތަކަކީ ވަރަށް ފޯރިއާއެެކު ކުޅުދުއްފުށީގައި ކުރިއަށްގެންދާ ކުޅިވަރުތަކެއް ނަމަވެސް އެ ކުޅިވަރުތައް ކުޅޭނެ ހާއްސަ ތަންތަން ނެތުމަކީ ޒުވާނުންގެ ކަންބޮޑުވުމެކެވެ.