twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލަންކާއިން ގަދަފަދަ އިންޑިއާ ލަނޑެއް ޖެހިޔަނުދީ ހިފަހައްޓައިފި

މުޙައްމަދު އަހުމަދު
Oct 7, 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު މިމުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާއާ ސްރީލަންކާ ބައްދަލުކުރި މެޗު 0 - 0 ން އެއްވަރުވެގެން ނިމިއްޖެ އެވެ.

މިއާއެކު މިއަދުގެ މެޗުން އެއްވަރުވުމުން ނުކުޅެ އެއް މެޗު އޮއްވާ ލަންކާ ވަނީ މުބާރާތުން ކަޓައިފަ އެވެ. ދެ މެޗު ކުޅެ މޮޅެއް ނުލިބުމުން އިންޑިއާއަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. ފުރަތަމަ މެޗުގައި 1 - 1 ން އިންޑިއާ ވަނީ ބަންްގްލަދޭޝްއާ އެއްވަރުވެފަ އެވެ.

މިހާތަނަށް ކުޅެވުނު މެޗުތަކަށް ބަލާއިރު އެއް ވަަނައިގައި އޮތީ ދެ މެޗުން ހަ ޕޮއިންޓާ އެކު ނޭޕާލް އެވެ. ދެ ވަނައިގައި ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން އޮތީ ބަންގްލަދޭޝް އެވެ. ތިން ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓާ އެކު އިންޑިއާ އޮތްއިރު ހަތަރު ވަނައިގައި ތިން މެޗުން އެއް ޕޮއިންޓާ އެކު އޮތީ ލަންކާ އެވެ. އެންމެ ފުލުގައި އޮތީ އެއް މެޗު ކުޅެގެން ޕޮއިންޓެއް ނުލިބި ދިވެހިރާއްޖެ އެވެ.

މެޗުގައި ލަންކާގެ ކަވިންދޫ އިޝާން ވަނީ ލަނޑުޖަހަން ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްދީފަ އެވެ. އިންޑިއާގެ އޭރިއާތެރެއިން ލަންކާގެ ވަސީމް ރަޒީކް އަށް ދިން ބޯޅަ އޭނާ ފޮނުވާލި ނަމަވެސް އެހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އިންޑިއާއިން ވެސް ރަނގަޅު ފުރުސަތުތަކެއް ހޯދާފަ އެވެ. އެގޮތުން މަންދަރު ރާއޯ ނަގައިދިން ހުރަހަކުން އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބޮލުން ޖަހަން އެރި ބޯޅަ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

މިމުބާރާތުގައި މިރޭ ވަރަށް ފޯރިގަދަ މެޗެއް އޮންނާނެ އެވެ. އެއީ މިރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގައި މުބާރާތް ބާއްވާ ގައުމު ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. މިއަދަކީ ދިވެހިރާއްޖޭގެ ގައުމީ ދުވަސް ވެސް މެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355