twitterviber whatsapp telegramfacebookyoutube instagram
29th March 2024

ގައުމީ ދުވަހު ބަންގްލަދޭޝް ބަލިކޮށް ރާއްޖެއިން އުއްމީދު އާކޮށްފި

މުޙައްމަދު އަހުމަދު
Oct 8, 2021

މިހާރު ކުރިއަށްދާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރޭ ބަންގްލަދޭޝްއާއި ރާއްޖެ ބައްދަލުކުރި މެޗުން 2 - 0 ން މޮޅުވެ ރާއްޖެއިން މުބާރާތުގައި އުއްމީދު އާކޮށްފި އެވެ.

މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ރާއްޖެ ވަނީ ނޭޕާލް އަތުން 1 - 0 ން ބަލިވެފަ އެވެ. އެހެންކަމުން މިމެޗުން މޮޅުވުން ރާއްޖެއަށް އޮތީ ވަރަށް މުހިންމު ވެފަ އެވެ. ބަންގްލަދޭޝް ވަނީ ކުޅުނު ފުރަތަމަ މެޗުން ލަންކާ 1 - 0 ން ބަލިކޮށް ދެވަނަ މެޗުގައި އިންޑިއާއާ 1 - 1 ން އެއްވަރުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުން ކުރެ އެއްވެސް ޓީމެއްގެ ފަރާތުން ލަނޑެއް ފެނިފައި ނުވިނަމަވެސް ނުރައްކާތެރި ހަމަލާތަކެއް ފެނިގެން ގޮސްފައިވެ އެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވެނީ ރާއްޖޭގެ ދަގަނޑޭ އާއި ސެންޓޭއަށް ލިބުނު ފުރުސަތެވެ. ފުރަތަމަ ހާފު ނިމެނިކޮށް ލިބުނު ހިލޭ ޖެހުމަކުން ދަގަނޑޭ ފޮނުވާލި ބޯޅަ ގޯލަށް ވަންނަން ދަނިކޮށް ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގައި ރާއްޖޭން ދެލަނޑު ޖެހިއިރު ރާއްޖޭން ދެވަނަ ހާފަށް ނުކުތީ ބަދަލަކާ އެކުގަ އެވެ. އެއީ ފޭދޫ އިއްބެގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) ކުޅެން އަރުވައިގެންނެވެ.

މެޗުގެ 55 ވަނަ މިނެޓުގައި އަލީ ފާސިރު (ސެންޓޭ) ނަގައިދިން ކޯނަރެއް ބަންގްލަދޭޝްގެ ކުޅުންތެރިންނަށް ކްލިއާ ނުކުރެވެނީސް އައި ބޯޅަ އޯވަހެޑް ކިކަކުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބުކުރީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ. މިއީ ސާފް ޗެމްޕިއަންޝިޕުގައި ހަމްޕުގެ ފުރަތަމަ ލަނޑެވެ.

ރާއްޖޭގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. މެޗުގެ 74 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ދަގަނޑޭ އެވެ. މިއީ ދާދުއަށް ބަންގްލަދޭޝްގެ ސޮހޭލް ރާނާ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މިރޭގެ މެޗު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަޑައިގެންނެވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355