ބައިނަލްއަގްވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ކުޅުދުއްފުށީ ސިޓީގައި ހާއްސަ ހަވީރެއް ބާއްވައިފި އެވެ.
ގިނަ އަދަދެއްގެ އިސްރަށްވެހީން މިހަވީރުގައި ވަނީ ބައިވެރިވެފަ އެވެ. މިހަވީރަކީ ޑަބްލިއުޑީސީއާއި ރެޑް ކްރެސެންޓް އަދި ކޮމިއުނިޓީ ސެންޓަރު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ޑަބްލިއުޑީސީއިން އިސްނަގައިގެން އެމްއާރްސީ އަދި ކޮމިއުނިޓީ ސެންޓަރ ގުޅިގެން ބޭއްވި މިހަރަކާތުގައި 80 އެއްހާ މީހުން ބައިވެރިވެފައިވެއެވެ.
އިއްޔެގެ މި ހަވީރުގައި ތަފާތު ސްޓޯލްތަކާއި ކުޅިވަރު ކުޅެވޭނެ ގޮތްތައް ވަނީ ދުވަސްވީ މީހުންނަށް ފަހިކޮށްދީފަ އެވެ. އެގޮތުން ޕަބްލިކް ހެލްތްގެ ފަރާތުން ހަކުރު ޓެސްޓު ކުރުމާއި އިސްކޮޅާއި ބަރުދަންބެލުންވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި އެމްއެންޔޫގެ ސްޓޯލްއިން ވެސް ވަނީ ބްލަޑް ޕްރެޝަރ ބެލުން ކުރިއަށް ގެންގޮސްފަ އެވެ.
މިހަވީރުގައި ހިމެނިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ތިންހަމަ އާއި ކެރަމްބޯޑާއި އޮށްވަޅުގޮނޑިއާއި ރާޒުވާ ފަދަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު ދުވަސްވީ މީހުންނަށް ފަހިކޮށްދީފައިވެ އެވެ. އަދި މީގެ އިތުރުން ދުވަސްވީ މީހުންގެ ހުނަރުތައް ދައްކާލަދީފައިވެ އެވެ.
މިހަވީރުގައި އުރީދޫގެ ސްޓޯލްއެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ. އުރީދޫގެ ހިދުމަތްތަކާ ބެހޭގޮތުން އެ ސްޓޯލްގައި ވަނީ އިސްރަށްވެހިންނަށް މައުލޫމާތު ދީފަ އެވެ. އަދި އެސްޓޯލްއަށް ޒިޔާރަތްކުރި ބޭފުޅުންނަށް ވަނީ ހަދިޔާ ޕެކެއްވެސް ދީފަ އެވެ.
މިފަދަ ހަވީރެއް ބޭއްވޭނީ ވަރަށްގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެކީކަން ޑަބްލިއު ޑީސީގެ މެމްބަރުން ފާހަގަ ކުރެއެވެ. އެގޮތުން ޖެންޑަރ އިން މިހަރަކާތުގައި އަމަލީ ގޮތުން ބައިވެރި ނުވެވުނު ނަމަވެސް ދުވަސްވީ މީހުންނަށް ހަދިޔާ ފޯރުކޮށްދީފައިވެ އެވެ.
ކޮމިޓީގެ ރައިސާއާއި ނައިބު ރައީސާ މަހާސިންތާއެއްގައި ބައިވެރިވެލެއްވުމަށް މިވަގުތު ރަށުންބޭރުގައި ވީ ނަމަވެސް ކޮމިޓީގެ މިހަރަކާތް މިހާ ފުރިހަމައަށް ގެންދެވިފައިވާ ގޮތާއިމެދު މެމްބަރުން ހިތްހަމަޖެހޭކަން ފާހަގަ ކޮށްފައިވެ އެވެ.
މިހަރަކާތުގައި މިވަގުތު ރަށުގައި ތިއްބެވި ކައުންސިލްގެ އެންމެހާ މެމްބަރުން ބައިވެރިވެފައިވެ އެވެ.