twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ދަގަނޑޭގެ ލަނޑާއެކު ލަންކާގެ މައްޗަށް ކުރިހޯދާ ރާއްޖޭން ތާވަލުގެ ދެވަނައަށް ޖެހިލައިފި

މުޙައްމަދު އަހުމަދު
Oct 10, 2021

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ސްރީ ލަންކާ އަތުން 1-0 އިން މޮޅުވެ ރާއްޖޭން ލީގު ބުރުގެ ދެވަނައަށް ޖެހިލައިފި އެވެ.

މިމެޗުގައި ލަންކާގެ މައްޗަށް ރާއްޖެއިން ކުރިހޯދީ 1 - 0 ގެ ތަފާތަކުންނެވެ. މިމެޗުގެ ހަމައެކަނި ލަނޑު ރާއްޖެއަށް ޖަހައިދިނީ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.

ރާއްޖެ ދެ ވަނައިގައި އޮތީ ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި ހަ ޕޮއިންޓާއެކު އޮތީ ނޭޕާލެވެ. އެ ޓީމުން މިރޭ އިންޑިއާއާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެޓީމަށް ފައިނަލުގެ ޖާގައެއް ލިބިގެންދާނެ އެވެ.

ތިން ވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު ބަންގްލަދޭޝް އެވެ. އަދި ހަތަރުވަނައިގައި އޮތީ ދެޕޮއިންޓާއެކު އިންޑިއާ އެވެ. ލަންކާ މުބާރާތުގައި ދެން އިތުރު މެޗެއް ނެތްއިރު އެޓީމު އޮތީ އެއް ޕޮއިންޓާއެކު ފުލުގަ އެވެ. އަދި އެޓީމު ވަނީ މުބާރާތާ އަލްވަދާއު ކިޔާފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު މެޗުގެ ހަވަނަ މިނެޓްގައި ހައިޝަމް ހަސަން އޭރިއާތެރޭގައި ހުސްކޮށް ހުރި އަލީ އަޝްފާގު (ދަގަނޑޭ) އަށް ހުރަސްކޮށްލި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން ދަަގަނޑޭ އެވެ.

ކީޕަރު މުހައްމަދު ފައިސަލް އަަށް އަނިޔާވެ އޭނާގެ ބަދަލުގައި ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ކުޅެން އެރުވިއިރު މިއީ ގައުމީ ޖޯޒީގައި އޭނާގެ ފުރަތަމަ މެޗެވެ. މެޗު ނިމެން ވިއްސަކަށް މިނެޓުވެފައިވަނިކޮށް ރާއްޖެއިން ވަނީ ނާއިޒު ހަސަން (ދާދު) އާއި ހަސަން ރާއިފް (ހަންނަ) އާއި އަސަދުﷲ އަބްދުﷲ (އަސައްކޮ) ކުޅެން އަރުވާފަ އެވެ. މިއީ ގައުމީ ޖޯޒީގައި ހަންނަގެ ވެސް ފުރަތަމަ މެޗެވެ.

މިމުބާރާތުގެ މެޗެއް މިރޭވެސް ކުޅެވޭނެ އެވެ. އެމެޗުގައި ބައްދަލުކުރާނީ ނޭޕާލާއި އިންޑިއާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355