twitterviber whatsapp telegramfacebookyoutube instagram
26th April 2024

ނޭކުރެންދޫ ޖަލުގެ މަސައްކަތް ބަޖެޓް ތަން ދިން މިންވަރަކުން ދަނީ ކުރިއަށް: އިމްރާން

ޚަދީޖާ އާދަމް
Oct 11, 2021

ހދ ނޭކުރެންދޫގައި އެޅުމަށް ހަމަޖެހިފައިވާ ޖަލުގެ މަސައްކަތް ބަޖެޓް ތަންދިން މިންވަރަކުން ކުރިއަށްދާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މިނިސްޓަރާ ސުވާލުކުރަން ހުޅުވާލި ފުރުސަތުގައި މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން މިކަމަށް ލިބެންއޮތް އެންމެ ރަނގަޅު މިންވަރެއް ޖަހައިދިނުމަށް ފިނޭންސް މިނިސްޓްރީއަށް އެދިފައިވާނެ ކަމަށެވެ. މުޅި ޖަލުގެ ޑީޓެއިލް ކުރެހުމެއް ކުރަހަން ސިއާކު ޕްރިވެޓް މޯލްޑިވްސްއާ ހަވާލުކުރެވިފައިވާކަމަށާއި ޖަލުގެ ބައުންޑަރީ ވޯލްގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ޓެންޑަރކޮށް މިހާރުވަނީ ބިޑް ސަބްމިޓްކުރެވިފަކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"އެގިނފައިވާގޮތުން 3 ފަރާތަކުން ވަނީ އެކަމަށް ކުރިމަތި ލާފަ. އުންމީދު ކުރަނީ ފިނޭންސް މިނިސްޓްރީން ބިޑް ކާމިޔާބު ކުރާފަރާތަކަށް މިމަހުގެ ތެރޭގައި ބިޑް ހަވާލުކުރާނެ ކަމަށް. އެގޮތުން މި އަހަރު ތެރޭގައި ބައުންޑަރީ ވޯލްގެ އަމަލީ މަސައްކަތް ފެށޭނެ އަދި ކޮންސެޕްޓް ޑިވެލޮޕްކޮށް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ" މިނިސްޓަރު ވިދާޅުވި އެވެ.

އެރަށުގައި އޯޕަން ޕްރިޒަންއެއް ނުވަތަ އިންޑަސްޓްރިއަލް ޕްރިޒަންއެއް އެޅުމަށް މި ސަރުކާރު ފެށުމާއެކު ފެށިގެން ދިޔަނަމަވެސް 2019 ވަނަ އަހަރު ފެށިގެން އައިރު އެއިރުގެ އެހަރުގެ ބަޖެޓް ނިމިފައިވާތީ އެބަޖެޓުގައި އެއްވެސް އަދަދެއްގެ ފައިސާއެއް އެކަމަށް ހަރަދު ކުރެވިފައިވާނުވާކަމަށާއި އެހެންނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި އޭގެކުރީގައި އެރަށުގައި ޖަލެއް އެޅުމަށްޓަކައި ކުރެވިފައިވާ މުއާމަލާތައް ބަލައި އެކަމަށްޓަކައި ކޮށްފައިހުރި މަސައްކަތްތައް ދެނެގަނެ އަދި މިނިސްޓްރީގެ ފަރާތުން ކަރެކްޝަނަލް ސާރވިސްގެ ބޭފުޅުންނާއެކު ނޭކުރެންދޫއަށް ޒިޔާރަތްކުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ސަހަރައްދު ބަލައި އެ ސަރަހައްދަށް އިތުރަށް ގެންނަން ޖެހޭ ބަދަލުތައް ބަލައި، ގެންނަޖެހޭ ބަދަލެއް އޮތްކަމަށް ވާނަމަ އެބަދަލެއް ގެނައުމަށް ނޭކުރެންދޫ ކައުންސިލާ ޕްލޭނިން މިނިސްޓްރީއާއެކު މަޝްވަރާތައް ފެށިގެންދިޔަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި 2019 ވަނަ އަހަރު ނިމިގެން ދިޔަ އިރު 2020 ވަނަ އަހަރަށް އެ މަޝްރޫއަށް ބަޖެޓްކުރުމުގެ މަޝްވަރާކުރެވި 17.4 މިލިއަން ރުފިޔާ ބަޖެޓެއް 2020 ވަނަ އަހަރަށް ކުރެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. 2020 ވަނަ އަހަރު އެ މަސައްކަތް ފަށައިގަނެ މާ ބޮޑުތަކެއް ކުރިއަށް ނުދެވެނީސް ކޮވިޑާއި ގުޅިގެން އެދުވަސްވަރު ޕީއައިޕީއެސް ޕްރޮޖެކްޓްތަކަށް ހުރި ބަޖެޓުން ފިނޭންސްއިން އެއްލައްކަ ފަންސާސްހާސް ރުފިޔާއަށް މަދުކުރުމަށް ފަހު ބާކީ ބައި އެއްކޮށް ކަނޑާލިކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް އެ މަސައްކަތް ކުރުމަށްޓަކައި ހަދަންޖެހޭ ރަށުގެ ލޭންޑް ޔޫސް ޕްލޭންއާއި އީއައިޔޭ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔަކަމަށާއި އަދި އެހިސާބަށް އަރާ ރުއްގަހުގެ އަދަދު ބަލާ އެއަށް ބަދަލު ދިނުމުގެ މަސައްކަތްވެސް 2020 ވަނަ އަހަރުގައި ފައިސާ ނެތިވެސް ކުރިއަށް ގެންދިޔަކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 2020 ވަނަ އަހަރު ނިމުނުއިރު އެ ސަރަހައްދު ފާހަގަކުރެވި އަލަށް ޕްލޭންނަށް ގެނެވުނު ބަދަލާއެކުގައި އަރާ ރުށްގަހުގެ ބަދަލު ބެލުނު އިރު ގާތްގަނޑަކަށް 3 ލައްކަ 21 ހާސް ރުފިޔާ އެކަމަށް އަރާކަމަށާއި މިއަހަރުގެ މާޗު މަހުގެ ތެރޭގައި ރުއްގަހަށް ބަދަލު ދިނުމުގެ ކަންކަން ނިންމާފައިވާކަމަށް ވިދާޅުވި އެވެ. އަދި 27 އޭޕްރިލް ގައި އީއައިއޭގެ މަސައްކަތްވެސް ވަނީ ނިންމާލެވިފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އޭގެފަހުން ޖަލުގެ އަމަލީ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ރަށުގެ ބަނދަރުން ޖަލާހަމައަށް އޮންނަ ބޮޑުމަގު ފާހަގަކޮށް އެތަން ސާފުކުރުމަށްޓަކައި ކައުންސިލާއެކު މުއާމަލާތްތަކެއް ކުރެވުނު ކަމަށާއި ލާމަރުކަޒީ ގާނޫނުގެ ތެރެއިން އެ މަސައްކަތް އަސްލުކުރައްވަން ޖެހޭނީ ކައުންސިލްގެ ފަރާތުންކަމަށް ގަބޫލް ކުރެވޭތީއާއި އެއީ ސީދާ ޖަލުގެ މަސައްކަތާއި ގުޅުން ހުރި މަސައްކަތަކަށް ނުވާތީ ކައުންސިލުން އެމަސައްކަތް ކުރައްވަން ޖެހޭނެކަން ގަބޫލްކުރެވި ކައުންސިލާއެކު ގާތްގަނޑަކަށް މަހެއްހާ ދުވަސް ވަންދެން އެކަމާ ތަފާތު މުއާމަލާތް ކޮށް 3 ސިޓީއެއް ބަދަލު ކުރެވުނުކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެހެންނަމަވެސް ކައުންސިލް ބަޖެޓްގައި އެފަދަ ކަމެއް ކުރުމަށް ބަޖެޓްކުރެވިފައި ނުވާތީވެ ކައުންސިލުން އެދިވަޑައިގެންނެވީ ޖަލުގެ ބަޖެޓްގެ ތެރެއިން އެމަގުގެ މަސައްކަތް ކުރުމަށް ކަމަށާއި ފިނޭންސްއާއި މަޝްވަރާކުރުމަށްފަހު ޖަލުގެ މަސައްކަތުގެ ބައެއްކަމުގައި މަގު ހަދާ އެ މަސައްކަތް ފެށިކަމަށްވެސް މިިނިސްޓަރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355