މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުދުއްފުށި ސިޓީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ސިޓީ ކައުންސިލާއި ޔޫތް މިނިސްޓްރީ ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންދިއުމަށް ހަމަޖެހިފަ އެވެ. މިހާތަނަށް 3 ހަރަކާތެއް ނިމިފައިވެ އެވެ. އެއީ މިމަހުގެ 10 ން 14 އަށް ކުރިއަށް ދިޔަ ޖާނަލިޒަމް ޓްރެއިނިން ޕްރޮގްރާމާއި 14 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިންކްލޫސިވް ސްޕޯޓްސް ފެސްޓިވަލްގެ އިތުރުން 15 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ހަރަކާތެވެ.
ކުރިއަށްހުރި ހަރަކާތްތަކަކީ މިމަހުގެ 15 ވަނަ ދުވަހުން ފަށައިގެން 19 ގެ ނިޔަލަށް ކުރިއަށްގެންދާ ލައިފް ސްކިލް ވޯކްޝޮޕާއި 18 ވަނަ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޓްރައިއެތްލަން އަދި ހަމަ އެދުވަހު ވަނީ ޕޭރެންޓިން ސެޝަނެއް ވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފަ އެވެ. ޕޭރެންޓިން ސެޝަނުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފައިވަނީ ޝޭހް އަނީލް އެވެ.
ދެން ކުރިއަށްހުރި ހަރަކާތްތަކަކީ 19 ން 22 އަށް ކުރިއަށްދާ ބީޗް ސްޕޯޓްސް ފެސްޓިވަލެވެ. މިފެސްޓިވަލްގައި ހިމެނޭ ކުޅިވަރުތަކަކީ ހޭންޑްބޯލް އާއި ވޮލީގެ އިތުރުން އަދި ސޮކާ އެވެ. މީގެ އިތުރުން 21 ވަނަ ދުވަހު ކައިޓް ސާފިން ލައިޓް ޝޯ ކުރިއަށްދާނެ އެވެ.
22 ވަނަ ދުވަހު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ނޭޝަން ވައިޑް ކްލީނިން އިވެންޓެކެވެ. މި ކްލީނިން އިވެންޓަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިވެންޓެކެވެ. ކޭއޯއަށް މައުލޫމާތުދެމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ ވިދާޅުވީ މި އިވެންޓްގައި ބޮޑަށް ސަމާލުކަން ދޭނީ ގޮނޑުދޮށް ސަރަހައްދު ސާފުކުރުމަށް ކަމަށެވެ.
އަދި ހަމަ 22 ވަނަ ދުވަހު ޒުވާނުންގެ ދުވަހުގެ ރަސްމީ ޖަލްސާ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އެންމެ ފަހު ދުވަހުގެ ހަރަކާތްތަކަށް ބަލާލާއިރު އެދުވަހު ކުރިއަށްދާނީ ސައިކަލު ރޭހެވެ. އަދި އެދުވަހުގެ ރޭ މިއުޒިކް ފެސްޓިވަލެއް ވެސް ކުރިއަށްދާނެ އެވެ.
ހުރިހާ ހަރަކާތްތަކެއް ނިމުމުން ޔޫތް މަހާސިންތާއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިހަރަކާތް ކުރިއަށްދާނީ އެއް ހަފްތާގެ މުއްދަތަކަށެވެ.