ޒުވާނުންގެ ދުވަހާ ގުޅުވައިގެން މިއަދު ކުޅުދުއްފުށީގައި ބޭއްވި ޓްރައިތްލޯންގައި ބައިވެރިވި ކުޅުންތެރިޔަކު ސައިކަލެއްގައި ޖެހި އަނިޔާވެއްޖެ އެވެ. މި އެކްސިޑެންޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ މި ހަރަކާތުގެ އިންތިޒާމާ ބެހޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.
އަނިޔާވެފައިވަނީ ބައިސްކަލު އިވެންޓްގައި ވާދަކުރި ބައިވެރިއެއް، ބަންޑާރަމަގު ދެކުނަށްގޮސް މުރަކަމަގަށް އެޅިތަނުން އެ މަގުން ހުޅަނގަށް އައި ސައިކަލެއްގައި ޖެހި އެވެ.
މިކަމާ ކަންބޮޑުވުންފާޅުކޮށް މީހަކު ބުނީ މިފަދަ ހަރަކާތެއް ކުރިއަށްގެންދާއިރު އިންތިޒާމުތައް ރަނގަޅުކުރަން ޖެހޭ ކަމަށެވެ. މަގުތައް ބަންދުނުކޮށް މިފަދަ ހަރަކާތެއް ކުރިއަށްގެންދިޔުމަކީ ރައްކާތެރި ކަމެއް ނޫންކަން އެނގޭއިރުވެސް އެފަދަ ފިޔަވަޅު އަޅާފައިނުވާތީ އެހެން މީހަކު ހިތްހަމަނުޖެހުންފާޅުކުރި އެވެ.
ސައިކަލުގައި ޖެހުމާއެކު ބައިސްކަލްގެ އިން ކުޅުންތެރިޔާ ވިއްސައިގެން ގޮސް މާ ދުރަށް ޖެހެ އެވެ. 35 އަހަރުގެ އެ ކުޅުންތެރިޔާ ކޭއާރުއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ. އޭނާއަށް ބޮޑު އަނިޔާއެއް ނުލިބުނު ނަމަވެސް ހަށިގަނޑުގެ އެކި ތަންތަނަށް ވަނީ ހާނިކަވެފަ އެވެ.
ކޭއޯއާ ވާހަކަދެއްކި އިތުރު މީހަކު ބުނީ އިންތިޒާމުތައް ރަނގަޅު ނޫން ކަމަށާއި ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވިޔަސް މިއީ ނުރައްކާތެރި ހާދިސާއެއް ކަމަށެވެ. އޭނާވެސް ބުނީ މިފަދަ ހަރަކާތް ހިންގާއިރު މިއަށްވުރެ އިންތިޒާމުތައް ރަނގަޅުވާން ޖެހޭނެ ކަމަށެވެ.