ޓްރައިތުލޯނު ކުރިއަށްދިޔަ ވަގުތު އެކްސިޑެންޓްވި ސައިކަލު އެ މަގަށް ވަނީ ފުލުހުން ނުވަނުމަށް އެދިފައިވަނިކޮށްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ބުނެފި އެވެ. ޓްރައިތުލޯނުގެ ބައިސްކަލު އިވެންޓްގެ ބައިވެރިއެއް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ހަރަކާތުގެ އިންތިޒާމު ދަށްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސޯޝަލް ހިތްހަމަނުޖެހުންފާޅުކުރަމުންނެވެ.
ހޯމަ ދުވަހު ހަވީރު ކުރިއަށްދިޔަ މި ހަރަކާތުގައި އެކްސިޑެންޓްވީ ބައިސްކަލު ދުއްވި އެތުލީޓް، ބަންޑާރަމަގުން ދެކުނަށް ގޮސް، މުރަކަ މަގު ކަންމަތިން އެ މަގުން ހުޅަނގަށް ދުއްވާފައިވާ އައި ސައިކަލެއްގައި ޖެހި އެވެ. ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ބައިސްކަލް ސައިކަލުގައި ޖެހުމާއެކު އެތުލީޓް ވިއްސައިގެންގޮސް މާ ދުރަށް ޖެހެ އެވެ. ފުރާނައަށް ނުރައްކާވެދާނެ މި ހާދިސާގައި އޭނާއަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވިޔަސް، ކޭއާރުއެޗުން ފަރުވާ ހޯދާފައިވެ އެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ކޭއޯއަށް ވިދާޅުވީ، އެ މަގަށް އެވަގުތު ވަތް ސައިކަލު ވަދެފައިވަނީ ފުލުހުންވެސް ނުވަނުމަށް އެދިފައިވަނިކޮށްކަމަށެވެ.
ޑެޕިއުޓީ ވިދާޅުވީ، ޔޫތު ޑޭގެ ހަރަކާތްތަކުގައި ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށާއި އެގޮތުން ޓްރައިތޯނުގައިވެސް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އަދި މީގެ އިތުރުން މުބާރާތް އިންތިޒާމުގެ ކަންކަން އައުޓްސޯސްކޮށްގެން ހަވާލުކޮށްފައިވާނީ ސޮސައިޓީ ފޯ ޔޫތު ލިންކޭޖް (ސްކައި) ޖަމިއްޔާއާކަމަށް ޑެޕިއުޓީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ހަރަކާތް ކުރިއަށްދިޔަ ވަގުތު ސްކައި ޖަމިއްޔާ އާއި ފުލުހުން މަގު ބެލެހެއްޓުމުގެ ކަންތައްތައް ކުރިއަށްގެންދިޔައިރުގައި އެ މަގުން ދުއްވާފައި އައި ސައިކަލަކީ ފުލުހުންވެސް އެ ފަރާތުގައި ނުވަނުމަށް އެދިފައިވަނިކޮށް ވަތް ސައިކަލެއް ކަމަށެވެ.
""އެގަޑީގައި ދުއްވާފައި އެއައީ ފުލުހުންވެސް އެފަރާތުގައި ނުވަނުމަށް އެދިފައި އިންދާ ވަދެގެން އައި ފަރާތެއްގެ ސައިކަލެއްގައި ޖެހިފައި އެއިނީ."ޑެޕިއުޓީ މޭޔަރު އަލީ އަހްމަދު
ކައުންސިލުން މިފަދަ ބޮޑު ހަރަކާތެއް ކުރިއަށްގެންދާއިރު އަދި ފުލުހުންވެސް ސެކިއުރިޓީ ބަލަހައްޓަމުންދާއިރު އެއީ ހުރިހާ އެންމެންގެ ރައްކާތެރިކަމަށް މުހިންމު ކަމެއް ކަމަށާއި އެ މަސައްކަތަށް ހުރިހާ ރައްޔިތުންވެސް އެއްބާރުލުން ދިނުމަށް ޑެޕިއުޓީ އިލްތިމާސްކުރެއްވި އެވެ.
"މިއީ ސީދާ ވަކި ބައެއްގެ އިހުމާލުންވީ ކަމެކޭ ދަންނަވާކަށް އަޅުގަނޑު ނެތިން." ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.
ޒުވާނުންގެ ދުވަހާ ގުޅުވާ ގިނަ ހަރަކާތަކެއް އަދިވެސް ކުރިއަށް ހުރިއިރު އެ ހަރަކާތްތަކަށް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްގެންދިޔުމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުން ކަމަށް އަލީ ފާހަގަކުރެއްވި އެވެ.
މި ހާދިސާގައި ސައިކަލު ދުއްވި ފަރާތް އެ މަގަށް ވަދެފައިވަނީ ފުލުހުންވެސް ނުވަނުމަށް އެދިފައިވާކަމަށް ސިޓީ ކައުންސިލުން ބުނިނަމަވެސް އެ ފަރާތުން އެކަން ދޮގުކުރެ އެވެ. ކޭއޯގައި ވާހަކަދައްކަމުން އެ މީހާ ބުނީ އެ މަގު ބަންދުކަމަށް އެއްވެސް ނިޝާނެއް ފެންނާކަށް ނެތް ކަމަށާއި ފުލުހުންވެސް އަދި އެހެން ފަރާތްތަކުންވެސް މަގަށް ނުވަނުމަށް އެދިފައިނުވާކަމަށެވެ.
އެކްސިޑެންޓްވި ކޮޅަށް ދިޔައިރުވެސް އެއްވެސް މީހަކު އަތް ހިއްލާލާ އިޝާރާތުންވެސް އެއްވެސް އެއްޗެއް ފާހަގަކޮށް އަންގާލާފައިނުވާކަމަށް އޭނާ ބުންޏެވެ.
އެ މަގަށް އޭނާ ވަދެގެން ދިޔައިރު އަމީނީ މަގަށް ހުދު ކާރެއްވެސް ނުކުމެގެން ދިޔަ ކަމަށާއި އޭނާއާ އެއްކޮށް އެކޮޅަށް އެހެން ސައިކަލެއްވެސް ދިޔަކަމަށް ބުންޏެވެ.
""އެމަގަކީ އެކަހަލަ ކަމެއް ކުރާކަހަލަ ގޮތަކަށް އެއްވެސް ކަމެއް ފެންނާކަށް ހުރި މަގެއް ނޫން އެއީކީ އެއް. އެއްވެސް ސައިން އެއް ނެތް އެގޮތަކަށް. އެހެންނަމަ އެމަގު އިންނާނީ ސާފުކޮށްފައި ދެކޮޅުގައި ފުލުހުން ތިބޭނެ. ދިދަ ހުންނާނެ ނުވަތަ ސައިންއެއް ހުންނާނެ އެތަނަށް ވަނުން މަނާކުރާނެ. މަގެއްގައި ބަޔަކު ކަމެއް ހިންގާއިރު ނުއެއް ވަދެވޭނެ ދޯ. ފުލުހުންގެ ކޮންޓްރޯލްގައި އިންނާނީ."ސައިކަލު ދުއްވި ފަރާތް
އޭނާ އެމަގަށް ވަނީ އަތޮޅު ކައުންސިލް އިދާރާ ކުރިމަތިން ކަމަށާއި ވަން އިރުގައި ކައުންސިލްގެ ސްޓޭޑިއަމާ ވީ ކޮޅުގައި އެތާ ރީނދޫ ކުލައިގެ ދެ ކޯނު ބައިންދާފައި އިން ކަމަށް އޭނާ ބުންޏެވެ.
""އޭތި އަހަރުމެންނަށް ދައްކުވައިދެނީ ބޮޑު މަގުން އެކޮޅަށް (އިންޖީނުގެއާއި ނުވަތަ ސްޓޭޑިއަމާ ދިމާލަށް) ދިއުން މަނާކުރާކަހަލަ ގޮތަކަށް. ދެން އެމަގަކުން ނުފެނޭ ސައިކަލުތައް މަޑުކުރުވާ އެމީހުންނާ ސުވާލުކޮށް އެކަހަލަ އެއްވެސް ކަމެއް ކުރާތީއެއް ނުފެނޭ."ސައިކަލު ދުއްވި ފަރާތް
އޭނާ އިތުރަށް ބުނީ އެކްސިޑެންޓަށް ފަހު، ފުލުހުން ވެސް އޭނާ ގާތުގައި އެސަރަހައްދުގައި ފުލުހުން ތިބި ތޯ އެހިކަމަށެވެ. އޭނާ ބުނީ އެމަގުގައި ވަށައިގެން ސައިކަލުތައް ވެސް ބެހެއްޓިފައި ހުރިކަމަށާއި ހަރަކާތްތަކެއް ހިނގާކަމެއް އެމަގުން ފެންނާކަށް ނެތްކަމަށެވެ.
އެސިޑެންޓްވި ވަގުތު އެތަނުގައި ހުރި މީހަކު ކޭއޯއަށް ބުނީ، އެ ސަރަހައްދުގައި އެ ވަގުތު ފުލުހުންވެސް އަދި އިންތިޒާމުތަކުގައި ހަރަކާތްތެރިވާ މީހަކުވެސް ނެތް ކަމަށެވެ.