ބެލެނިވެރިންނާއި ކުދިންނާއި އަދި ޓީޗަރުންގެ މެދުގައި ބައެއްފަހަރު ޒާތީ ވާދަވެރިކަމެއް އޮންނަކަން ފާހަގަކުރެވޭކަމަށާއި އެ ޒާތީ ވާދަވެރިކަމުގެ ތެރެއިން ކުރެވޭ ކަންތައްތަކުގައި ގިނަ ފަހަރަށް ނޭދެވޭ އަސަރުކުރަނީ ހަމަ ދަރިވަރުންނަށްކަމަށް ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދު ވިދާޅުވެއްޖެ އެވެ.
އެހެންވީމާ އެވާދަވެރިކަމުގެ ތެރެއިން އެކަކަށް ވުރެ އަނެކަކު ކުރިއަރައިގެންދާއިރުގައި ކުރިއަރައިގެން ދާންޖެހޭނީ ދެން ހުންނަ މީހާ ވައްޓާލާފަނޫންކަމަށް ޑެޕިއުޓީ ވިދާޅުވި އެވެ. އޭގެ ބަދަލުގައި އެކަކު އަނެކަކަށް އެހީތެރިވެ ހުރިހާ އެންމެން އެކީގައި ކުރިއަށްދެވޭނެ ނިޒާމަކުން ކުރިއަށް ދިއުމަކީ އަސްލު މީގެ މައިގަނޑު މަގުސަދުކަންވެސް ޑެޕިއުޓީ ވިދާޅުވި އެވެ.
ޑެޕިއުޓީ މިހެން ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ ހޯމަދުވަހުގެ ރޭ ހދ އޭއީސީ ހޯލުގައި ބޭއްވި ޕޭރެންޓިން ސެޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މި ޕޭރެންޓިން ސެޝަނަކީ ޝޭހް އަނިލްއާއެކު ކުރިއަށްގެންދިޔަ ސެޝަނެކެވެ.
މިސެޝަނުގައި އަލިއަޅުވާލަން ނިންމީ ދަރިން ތަރުބިއްޔަތުކުރުމާ އެއާއެކީގައި 21 ވަނަ ގަރުނުގެ ގޮންޖެހުންތަކަށް ކުރިމަތިލެވޭފަދަ ހަރުދަނާ މުސްލިމު ޒުވާނުންތަކެއް މުޖުތަމައުއަށް ނެރުމަށް މިމައުލޫގެ މައްޗަށެވެ.
""ހެލްތީ ވާދަވެރިކަމެއް އޮންނަން ޖެހޭނެ އެކަމަކު ބައެއްފަހަރު ތަންކޮޅެއް ޒާތީވެގެންދާތީ މައްސަލަތަކެއް ކުރިމަތިވެ އޭގެ ނޭދެވޭ އަސަރު ކުދިންނަށް ދިމާވާ ގޮތަށް ކަންތައްތައް މިވަނީ."ޑެޕިއުޓީ މޭޔަރު އަލީ އަހްމަދު
ކުރިއަށް ޒުވާން ޖީލެއް ބިނާކުރަން ހުލްގުހެޔޮ ރިވެތި އަހްލާގެއް ލިބިފައި އޮތް ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާއިރުގައި ކުރިން ހެދުނު ގޯސްތައް ރަނގަޅުކުރަން ހުރިހާ އެންމެންވެސް އެބަޖެހޭ އެއްބާރުލައިގެން މަސައްކަތްކުރަންޖެހޭކަން ވެސް ޑެޕިއުޓީ ވަނީ ފާހަގަކުރައްވާފަ އެވެ.
"ޒުވާނުންގެ ދުވަހެއް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރުގައި އަޅުގަނޑުމެން އެބަ ވިސްނާލަން ޖެހޭ މިހާރުގެ ޒުވާނުން މިޖީލު ދިމާވެފައި މިއޮތް މައްސަލަތަކާއި ގުޅޭގޮތުން. އެމައްސަލަތައް އަޅުގަނޑުމެން އިތުރަށް ދިރާސާކޮށް އަޅުގަނޑުމެން އެބަހޯދަންޖެހޭ އަޅުގަނޑުމެންނަށް ގޯސްކޮށް ކުރެވުނީ ކޮންކަންތައްތަކެއްކަން." ޑެޕިއުޓީ ވިދާޅުވި އެވެ.
އަޅުގަނޑުމެން ބޮޑުވެގެން އައިއިރުގައި އަޅުގަނޑުމެންނަށް ނުވެހުރި ކަންތައްތަކަކީ އަޅުގަނޑުމެން ދަރިންނަށް ނޫނީ މިހާރުގެ ކުދިންނަށް ކޮންމެހެންވެސް ކޮށްދޭން ބޭނުންވާ ކަންތައްތައް ކަމަށާއި އެކަންތައްތައް ކޮށްދީގެން އެކުދިން ބޮޑުކުރަން އަޅުގަނޑުމެން ގިނަ ބެލެނިވެރިން ބޭނުންވާކަން ޑެޕިއުޓީ ވިދާޅުވި އެވެ.
އެހެން އެކަންތައްތައް ރާވާލެވޭއިރުގައި ވިސްނަން ޖެހޭ ކަންތައްތަކެއް ޑެޕިއުޓީ ފާހަގަކުރެއްވި އެވެ. އެގޮތުން އެގޮތަށް ތަރުބިއްޔަތު ކުރާއިރުވެސް ކުއްޖާއަކީ އެކަކު އަނެކަކަށް އިހްތިރާމުކުރަން ދަންނަ ކޮންފިޑެންސް ހުރި ކުއްޖެއްކަމަށްވުމާއެކު އަދި ހަމަ އެގޮތަށް ދުނިޔެއަށް ލޯހުޅުވި ދުނިޔޭގެ ކަންތައްތަކާ އަހުލުވެރި ކުއްޖަކަށްވުމަކިީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރެއްވި އެވެ.
ލައިފް ސްކިލްސް ނޫނީ ދިރިއުޅުމުގައި ބޭނުންވާ ހުނަރުތައް ކުދިން ގައިގައި އަށަގަންނުވަން އެބަޖެހޭ ކަމަށްވެސް ޑެޕިއުޓީ ވިދާޅުވި އެވެ. އަދި އަޅުގަނޑުމެން މިހޯދަން ބޭނުންވާފަދަ ޒުވާން ޖީލެއް ބިނާވެގެން އަންނާނީ އެކުދިންގެ ގައިގައި ހުނަރުތައް އަށަގަންނުވައިގެންކަން ވެސް ޑެޕިއުޓީ މޭޔަރު ވިދާޅުވި އެވެ.