ކުޅުދުއްފުށީގައި އަލަށް އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ގައުމީ ޓީމުން ކުޅުދުއްފުށީގައި މެޗެއް ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަސް ގައުމީ ފެންވަރުގައި ކުޅުދުއްފުށި ސިޓީގައި ފާހަގަކުރަން ހަމަޖެހިފައިވާއިރު ސިޓީ ކައުންސިލާއި ޔޫތް މިނިސްޓްރީ ގުޅިގެން އަންނަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
މިމެޗަކީ ސަރުކާރުން ކުޅުދުއްފުށީގައި އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެން ރޭވުނު މެޗެކެވެ. ކޭއޯއަށް މައުލޫމާތުދެއްވަމުން ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަލީ އަހްމަދު ވިދާޅުވީ މިމެޗަކީ މުޅި ކުޅުދުއްފުށިން އެއްކޮށް ހޮވާލެވޭ ޓީމަކާ ދެކޮޅަށް ގައުމީ ޓީމުން ކުޅެން ހަމަޖެހިފައިވާ މެޗެކެވެ.
މިއީ ސާފް ޗެމްޕިއަންޝިޕަށް ފަހު ގައުމީ ޓީމުން ކުޅޭނެ ފުރަތަމަ މެޗެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ފައިނަލަށް ނުދިޔަ ނަމަވެސް ވަނީ ރަނގަޅު ކުޅުމެއް ދައްކާ ތިންވަނަ ހޯދާފަ އެވެ. ސާފްގެ ތަށި މިފަހަރު ހިއްލާލާފައިވަނީ އިންޑިއާއިންނެވެ.
މިފަހަރު ކުޅުދުއްފުއްޓަށްދާ ގައުމީ ޓީމުގައި ކޯޗު އަލީ ސުޒޭނާއި 23 އަހަރުންގެ ދަށުގެ ޓީމުގެ ކުޅުންތެރިން ބަހްރޭންގައި ކުރިއަށްދާ 23 އަހަރުން ދަށުގެ ކޮލިފައިން މެޗުތަކަށް ފުރަން ޖެހޭތީ ބައިވެރިއެއް ނުވެވޭނެ އެވެ.
ސާފަށް ފަހު ގައުމީ ޓީމު ދެން އެންމެ އަވަހަށް މުބާރާތެއްގައި ވާދަކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރުމަހު ލަންކާގައި ފަށާ މަހިންދުރަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގަ އެވެ.