އަންނަ އާދީއްތަ ދުވަހު ފަށާ މޫސުމާ ބެހޭ އެންމެ ބޮޑު ސަމިޓް ކޮންފަރެންސް އޮފް ދަ ޕާޓީ (ކޮޕް) 26 ގައި ރާއްޖެއަށް މާލީ އެހީ ހޯދަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮޕް 26 މިފަހަރު ކުރިއަށްދާނީ ސްކޮޓްލޭންޑްގެ ގްލާސްގޯގައި އެވެ. މިސަމިޓްގައި ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީ ހޯދަން މަޖިލީހުގެ މެމްބަރުން ވެސް އެދިވަޑައިގެންފައިވާތީ ރައީސް ނަޝީދު ވަނީ ކޮޕް ސަމިޓްގައި އެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރައީސްއާއި ދެމީހުންނަށް ވީމިންވަރަކުން ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލު ކަމަށް ދިވެހިރާއްޖެއާއި އަދި އެހެންވެސް ތިމާވެއްޓަށް ނާޒުކު ރަށްތަކަށް ހުރި މިންވަރު ފާހަގަކޮށްދޭނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
އެންވާރަންމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވި ގޮތުގައި ކޮޕް ސަމިޓްގައި ތިން ކަމަކަށް ރާއްޖެއިން ވަކާލާތު ކުރާނެ އެވެ. އެއީ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އަދަދު މަދުކޮށް ދުނިޔެ ހޫނުވަމުން އަންނަ މިންވަރު 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ފައިނޭންސް އިތުރުކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ގައުމުތަކަށް ލިބޭ ގެއްލުމަށް ބަދަލު ހޯދުން ކަމަށެވެ.