twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފޯކައިދޫ ސްކޫލަށް ކާމިޔާބު އަހަރެއް، އެއް ދަރިވަރަކު އޯލެވެލް އެއްވަނައިގަ!

މުޙައްމަދު އަހުމަދު
Oct 28, 2021
2

އޯލެވެލުން ހޯދި ގިނަ ރަންވަނަތަކާއެކު ށ ފޯކައިދޫ ސްކޫލުން އެސްކޫލްގެ ތާރީހުގައި ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. އެސްކޫލްގެ 6 ދަރިވަރަކު އޯލެވެލް ގަދަ ދިހައެއްގައި ހިމެނުނުއިރު އެއް ދަރިވަރަކު ވަނީ އެއްވަނަ މަގާމު ހާސިލްކޮށް ސްކޫލަށް ރީތިނަން ހޯދައިދީފަ އެވެ.

ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް މަތީނު ކޭއޯއަށް ވިދާޅުވީ، ދަރިވަރު އެއްވަނަ ހާސިލްކޮށްފައިވަނީ ރީޗެކްއަށް ފޮނުވުމުން ނަތީޖާއަށް އައި ބަދަލާއެކުގަ އެވެ. ކުރިންވެސް 7 އޭ ސްޓަރ ލިބުނުއިރު އޭ ސްޓަރ ނުލިބި އިނީ ދިވެހި މާއްދާއިން އެކަންޏެވެ. ނަމަވެސް ރީޗެކް ކުރަން ފޮނުވުމުން އެމާއްދާ ވެސް އޭ ސްޓަރއަކަށް ބަދަލުވި އެވެ.

އެއްވަނަ ހާސިލްކުރި އައިޝަތު އާލާ ރަޝީދަކީ ގްރޭޑް އެކަކުން ފެށިގެންވެސް ކިޔެވުމަށް ވަރަށް ރަނގަޅު ދަރިވަރެކެވެ. މި ލިބުނު ފަހުރުވެރި ބޮޑު ކާމިޔާބީގެ ސަބަބުން ސްކޫލަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.

މީގެ އިތުރުން 4 ވަނައިގައި 1 ދަރިވަރަކާއި 8 ވަނައިގައި 2 ދަރިވަރުން، 9 ވަނައިގައި 2 ދަރިވަރުން ހިމެނެ އެވެ. މަތީން ވިދާޅުވި ގޮތުގައި މިއީ އެސްކޫލަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށެވެ.

8 އޭ ސްޓަރ އިން އެއްވަނަ ލިބޭގޮތަށް ކުރައިޓީރިއާ ބަދަލުކުރިފަހުން އެއްވަނަ ލިބުނު މިއީ ފުރަތަމަ ފަހަރުކަން ވެސް މަތީނު ފާހަގަކުރެއްވި އެވެ. އަދި އޭގެ ކުރިންވެސް ކުރީގެ ކްރައިޓީރިއާއިން ދަރިވަރުން އެއްވަނަ ހޯދާފައިވާކަމަށް އޭނާ ބުންޏެވެ. އޭނާ ވަނީ 8 އޭ ސްޓަރ އާއެކު އެއްވަނައަށް ދަރިވަރަކު ދިއުމަކީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355