ޑްރަގް މައްސަލައެއްގައި ހައްޔަރުކޮށް ޖަލުގައި ހުރި ބޮލީވުޑްގެ ސްޕަސްޓާރ ޝާހުރުކް ޚާންގެ ދޮށީ ދަރިފުޅު އާރްޔަން ޚާން ގާތްގަނޑަކަށް މަހެއްހާދުވަސް ފަހުން މިއަދު ޖަލުން މިނިވަންވާއިރު އޭނާއަށް ސަޕޯޓްކުރާ އެތައް ބަޔަކު ޝާހުރުކްގެ ގެ މަންނަތު ކައިރިއަށް ވަނީ އެއްވެފައެވެ.
ކަފާލާތުގެ ދަށުން އާރިޔަން މިއަދު މިނިވަން ވާއިރު އޭނާއެކު ބަންދު ކުރި އިތުރު މީހުންވެސް މިއަދު ޖަލުން މިނިވަން ވާނެއެވެ. އާރްޔަން ބަންދުގައި ހުރި އާތާ ރޯޑް ޖެއިލްގެ އޮފިޝަލަކު ޓައިމްސް އޮފް އިންޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިއަދު ހެނދުނު 10 އާއި 12 ދޭތެރޭ އާރްޔަން މިނިވަން ވާނެ ކަމަށެވެ.
މީގެ ކުރިންވެސް ކަފާލާތުގެ ދަށުން އޭނާ މިނިވަންކުރުމަށް އެތައް ފަަހަރެއްގެ މަތިން އެެދުނު ނަމަވެސް ކޯޓުން ވަނީ އާރްޔަން ކަފާލާތުގެ ދަށުން ދޫނުކުރުމަށް ނިންމާފައެވެ.
މިމަހުގެ ތިން ވަނަ ދުވަހު މުމްބާއީގެ ބަނދަރެއްގައި އޮތް ކްރޫޒް ލައިނާއެއްގައި ޕާޓީ ކުރަނިކޮށް އާރްޔަން ހައްޔަރު ކުރީ އެތަނުގައި ތިބި ބަޔަކު މަސްތުގެ ހާލަތުގައި ތިބެ އެމީހުންގެ އަތުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ. ނަމަވެސް އެ ދުވަހު ހައްޔަރު ކުރިއިރު އޭނާ އަތުން މަސްތުވާތަކެތި ފެނިފަނުވާކަމަށާއި މަސްތުވާތަކެއްޗަށް ޕޮޒިޓިވް ނުވާކަމަށްވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.
އާރްޔަންއާއި ކުރިއަރަމުން އަންނަ ތަރި އަނަންނިޔާ ޕާޑޭއާއެކު ވަޓްސްއެޕުން ބަދަލުކޮށްފައި ހުރި މެސެޖްތަކެއްގައި ޑްރަގްގެ ވާހަކަ ދައްކާފައި ހުރުމުން މި މައްސަލަގަނޑުގެ ތެރޭގައި އޭނާވެސް ވަނީ ސުވާލުކުރުމަށް އެންބީސީއަށް ހާޒިރުކޮށްފައެވެ. މި މައްސަލައިގެ ތެރޭގައި ބޮލީވުޑްގައި ތިބި ޑްރަގް ބޭނުންކޮށް އެކަމުގެ ވިޔަފާރިކުރާ މީހުން އިތުރަށް ބޭޒާރުވާނެ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.