އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން މިއަދު މަޖިލީހަށް ހުށަހަޅައިފި އެވެ.
މިބަޖެޓު ހުށަހަޅުއްވައިދެއްވާފައިވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. މިއަހަރުގެ ބަޖެޓާއި އަޅާބަލާއިރު މިއީ ދެ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަކީ 34.9 ބިލިއަން ރުފިޔާ އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި އަންނަ އަހަރު 24.8 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި 6 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވެ އެވެ.
ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވެސް ސަރުކާރުން ލަފާކުރެ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ ޖުމްލަ 24.2 ބިލިއަން ރުފިޔާ އެވެ. މިއީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ނުވަތަ ދަރަނި ބަޖެޓެކެވެ.
ޕީއެސްއައިޕީ އަށް ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ހަރަދުކުރުމަށް 63 ބިލިއަން ރުފިޔާ ވެސް ކަނޑައަޅާފައިވާއިރު އެހެނިހެން ހަރަދުގެ ގޮތުގައި އެކި ކަންކަމަށް ކުރާ ހަރަދުގެ ގޮތުގައި 5.8 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ