ނަޞްރުގެ ދުވަހާ ގުޅުވައިގެން ކުޅުދުއްފުށީގައި ހާއްސަ ޕެރޭޑެއް ބާއްވަން ހަމަޖެހިއްޖެ އެވެ. ސިޓީ ކައުންސިލާއި އަފީފުއްދީން ސްކޫލު ގުޅިގެން ދުވަހުގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކުރަން ނިންމާފައިވާއިރު ޕެރޭޑް ކުރިއަށްދާނީ މާދަމާ ހަވީރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި އެވެ.
މި ޕެރޭޑަކީ ކުޅުދުއްފުށީގެ އެންމެހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިޕެރޭޑްގައި އަފީފުއްދީން ސްކޫލުގެ ސީނިއާ ކެޑޭޓުންނާއި ކުރީގެ ކެޑޭޓް އިސްދަރިވަރުން އަދި ބޭންޑްވެސް ބައިވެރިވާނެ އެވެ.
މީގެ އިތުރުން ސްކޫލް ދަރިވަރުންނާއި ސްކޫލްތަކާއި އެހެން މުއައްސަސާތަކުގެ ވެރިން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މިޕެރޭޑްގައި ބޭންޑްގެ ހަރަކާތްތައް ވެސް ފެނިގެންދާނެ އެވެ.
މިޕެރޭޑް ފެށުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާ ކުރިމަތިންނެވެ. މާދަމާ ހަވީރު 4 ޖަހާއިރު މިޕެރޭޑް ފެށުމުގެ ރަސްމިއްޔާތުވެސް އެސަރަހައްދުގައި ކުރިއަށްދާނެ އެވެ. މިރަސްމިއްޔާތުގައި ކުޅުދުއްފުށި ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޖަމްޝީދު މުހައްމަދު ވާހަކަފުޅު ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕެރޭޑް ނިންމުމަށްވެސް ހަމަޖެހިފައިވަނީ ކައުންސިލް އިދާރާކުރި މައްޗަށެވެ. މީގެ އިތުރުން ޕެރޭޑްގެ ސްޓޮޕިންގ ޕޮއިންޓްސްތަކުގެ ގޮތުގައި ހަމަޖެހިފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒާއި ހުކުރު މިސްކިތު ހަތަރު އަނގޮޅި ކަންމަތީގެ އިތުރުން ހދ ސްޓޭޓް ހައުސް ކުރިމައްޗަށެވެ.
އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ކޭއޯއަށް ވިދާޅުވީ މިޕެރޭޑްގައި ކުޅުދުއްފުށީގެ އާބާދީ ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.