ރާއްޖެއިން ދައްކަމުންގެންދާ ވާހަކަތައް ދުނިޔޭގެ ލީޑަރުން އަޑުއަހާނީ ކޮންކަމެއް ކޮށްދީގެންތޯ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ސުވާލުކުރައްވައިފި އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެ ހުށަހެޅިފައިވާ ނުރައްކާތެރި ހާލަތު ބަޔާންކުރައްވައި ރައީސް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ 2021 ވަނަ އަހަރުގެ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް26)ގެ ވޯލްޑް ލީޑަރސް ސަމިޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް މި ސަމިޓުގައި ބައިވެރިވެވަޑައިގެންނެވި ލީޑަރުންނާއި އިއްޒަތްތެރިންނާ ހިއްސާ ކުރައްވާފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނު ރާއްޖޭގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގެ ތަޖުރިބާ ހިއްސާކުރައްވަމުން ރާއްޖޭގެ ރަށަކަށްފަހު ރަށެއް ފެނުއަޑިއަށް ދިއުމުގެ ބިރު މިހާރު ހީވާން ފަށާފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
އެގޮތުން އެމަނިކުފާނު ވަޑައިގެންނެވި ކޮންމެ ރަށަކުންހެން އާދަޔާ ހިލާފަށް ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރެވޭކަމަށާއި މިއީ ދިވެހިންނާ މިއަދު ކުރިމަތިލާންޖެހިފައިވާ އެއް ހަޤީޤަތްކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކުގެ ކުޑަ މިސާލެއްކަން ރައީސް ފާހަގަކުރެއްވި އެވެ.
ދުނިޔޭގެ ފިނިހޫނުމިން 1.5 ގައި ހިފެހެއްޓިފައި ނުވާކަން ފާހަގަކުރައްވައި ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީއަށް މައްޗަށް ދިޔަ ނަމަވެސް ރާއްޖެ ދެމިއޮތުމަށް ހިޔަނި އެޅިގެންދާނެކަމަށާއި އަދި ހަމަ ދުނިޔޭގެ އެހެން ޤައުމުތަކާވެސް އެ ހަގީގަތާ ކުރިމަތިލާންޖެހޭނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖެއަކީ ވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތް ކުރަމުންދާ ޤައުމެއްކަން ފާހަގަކުރައްވަމުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކަލުގެ ޙާލަތުން ހަމައެކަނި އެއް ޤައުމަކުން ކުރާ މަސައްކަތުން ހައްލެއް ނުހޯދޭނެ ކަމުގައި ވެސް ވިދާޅުވި އެވެ.
ރައީސް ވަނީ މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔެ ކުރިމަތިލާޖެހިފައިވާ ހާލަތު ބަދަލުކުރުމަށް މަސައްކަތްކުރުމަށް ލިބޭ އެންމެ ފަހު ފުރުސަތަށް ވެދާނެކަން ދުނިޔޭގެ ލީޑަރުންނަށް ހަނދާންކޮށްދެއްވައި މި ފުރުސަތު ބޭކާރުވެގެން ދިޔަ ނުދިނުމަށް އިލްތިމާސްކުރައްވާފަ އެވެ.