ރޯގާގެ އަލާމާތްތައް ހުރެހެން މިމަހު 3 ވަނަ ދުވަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ދެއްކި 58 އަހަރުގެ އަންހެނަކު ޕޮޒިޓިވްވެ، އޭނާއާއި ކޮންޓެކްޓްވި އިތުރު 4 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ކޭއޯއަށް މައުލޫމާތު ދެމުން ކޭއާރުއެޗްގެ އޮފިޝަލަކު ވިދާޅުވީ ޕޮޒިޓިވި 58 އަހަރު އަންހެން މީހާ ނޭވާލާން އުދަނގުވާތީ މިވަގުތު ފަރުވާ ދެމުން އަންނަނީ ކޭޕީއެލް ފެސިލިޓީގަކަމަށެވެ.
އެމީހާގެ ކޮންޓެކްޓުންގެ ގޮތުގައި 14 މީހަކު ފާހަގަ ވެފައިވާކަަމަށާއި އެތަނުން ޕޮޒިޓިވްވެފައިވަނީ 68 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ ފިރިހެނަކާއި، 33 އަހަރުގެ އަންހެނެއްގެ އިތުރުން 9 އަހަރުގެ ކުޑަކުއްޖެކެވެ. އޮފިޝަލް ވިދާޅުވީ ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަފީފުއްދީން ސްކޫލްގެ 2 ޓީޗަރަކާއި ދަރިވަރަކު ހިމެނޭ ކަމަށެވެ.
އެގޮތުން ސްކޫލުން އިތުރު ސާމްޕަލް ނަގަމުން އަންނަ ކަމަށާއި ރޭގައި މުވައްޒަފުންނާއި ދަރިވަރުން ހިމެނޭހެން 76 ސާމްޕަލެއް ނަގާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މިއަދުވެސް އިތުރު 30 ސާމްޕަލް ނަގަން ހަމަޖެހިފައިވާކަމަށާއި ސްކޫލްތެރެއިން ރޭންޑަމް ސާމްޕަލްވެސް ނަގަމުން އަންނަ ކަމަށެވެ. ރޭގެ ސާމްޕަލްތަކުގެ ނަތީޖާ މިއަދު ލިބޭނެކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އަފީފުއްދީން ސްކޫލް ޕްރިންސިޕަލް ނާސިހާ އިދްރީސް ވިދާޅުވީ ސާމްޕަލް ނަގާފައިވަނީ ގްރޭޑް 3 ގެ ދެ ކްލާހެއް ގެ ކުދިންގެ އިތުރުން މުވައްޒަފުންގެ 44 ސާމްޕަލް ކަމަށެވެ. އެއީ ޓީޗަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭ ގޮތަށްކަމަށް ނާސިހާ ވިދާޅުވި އެވެ.
ނާސިހާ ވިދާޅުވީ ދެ ކުލާހުގެ ސާމްޕަލް ނެގީ ޕޮޒިޓިވްވި ދަރިވަރުގެ ކުލާހާއި އެކު އެހެން ކުލާހެއް އެކުގައި ފީލްޑް ޓްރިފެއް ގޮސްފައިވާތީ ކަމަށެވެ. އެ ދުވަހަކީ ވިއްސާރަ ދުވަހެއްކަމުން ތެމިގެން މާސްކު އެޅުމަކީ ރައްކާތެރިކަމަކުން ނުވުމުން އެ ދުވަހު ދަރިވަރުން އުޅުނީ މާސްކު ނާޅަކަމަށް ވާތީ އެ ކުލާހުގެ ސާމްޕަލް ނެގުމަށް ސްކޫލުން ރިކުއެސްޓް ކުރީކަމަށް ނާސިހާ ވިދާޅުވި އެވެ. އަދި ޕޮޒިޓިވްވި ދަރިވަރުގެ ކުލާހުން ކުޅިވަރުގެ ގަޑިއެއްވެސް ނަގާފައިވާތީ ކުޅިވަރުގެ ވަގުތަކީވެސް މާސްކު އަޅާ ވަގުތެއް ނޫންކަމަށް ނާސިހާ ވިދާޅުވި އެވެ. އަދި އިންޓަވަލް ވަގުތުތައް ފިޔަވާ އެހެން ވަގުތަކުގައި ދަރިވަރުން އަބަދުވެސް ތިބޭނީ މާސްކު އަޅައިގެންކަން ނާސިހާ ފާހަގަ ކުރެއްވި އެވެ.
ކޭއާރުއެޗްގެ އޮފިޝަލް ވިދާޅުވީ ކުޅުދުއްފުށީގައި މިވަގުތު އިތުރު ކްލަސްޓާއެއް ނޫޅޭކަމަށާއި ފަހުން ޕޮޒިޓިވްވި މީހާ އަކީ ޓްރެވަލް ހިސްޓްރީއެއްވެސް އޮތް މީހެއް ނޫންކަމުން އެމީހާ ޕޮޒިޓިވްވާ މެދުވެރިވީ ކިހިނެތްކަމެއް އަދި ދެނެގަނެވިފައި ނުވާކަމަށެވެ.