twitterviber whatsapp telegramfacebookyoutube instagram
4th May 2024

ތިމާވެށި ރައްކާކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 10, 2021

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

މި ބިލުގައި އިސްލާހު ހުށަހަޅާފައި ވަނީ މި ގާނޫނުގެ 8 ވަނަ މާއްދާގެ ފަހަތަށް، 'ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވުން މި ނަމުގައި ސަބް ހެޑިންއެއް ހިމަނައި (8.1) ގޮތުގައި އަކުރެއް އިތުރުކުރުމަށެވެ.

އެގޮތުން އިތުރުކުރި މި އަކުރުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން ރައީސް ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. އަދި ރައީސް ކަނޑައަޅާ މި ލިސްޓު އެކި މަރުހަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް އޮތުމާއެކު މި އިސްލާހަށް އަމަލުކުރަން ފެށުމަށްފަހު ރައީސް ކަނޑައަޅާ ފުރަތަމަ ލިސްޓު އަންނަ ޖަނަވަރީ 1 ވަނަ ދުވަހުގެ ކުރިން ކަނޑައަޅައި ގެޒެޓުގައި ޝާއިއުކުރަންވާނެކަމުގައި ވެސް މި އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މި ލިސްޓު ގެޒެޓުގައި ޝާއިއުކުރާއިރު އެ ލިސްޓުގައި ބަޔާންކުރާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެ ތާރީހެއް ކަނޑައެޅުމާއި އަދި އެ ލިސްޓު ކަނޑައެޅުމުގައި ރިއާޔަތްކުރަންވީ ކަންކަމާއި އިސްލާހުގައި ހުރި ބަސްތަކުގެ މާނަކުރުންތައް ވެސް ހިމަނާފައިވެއެވެ.

ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލު ވަނީ ގެޒެޓުގައި މިއަދު ޝާއިއުކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355