ކުޅުދުއްފުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގިނަ އަދަދެއްގެ ބޮނބި އޮޅުތައް ނަގަން ސިޓީ ކައުންސިލުން އެންގުމުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ބޮނބި އޮޅުތައް ނަގަން އަންގާ ކައުންސިލުން އިއުލާނު ނެރެފައިވަނީ އިއްޔެ އެވެ. ކައުންސިލުން ގެޒެޓްކޮށްފައިވާ އިއުލާނުގައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރުމަށް އަންގާފަ އެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އަންހެނުން ކޮމިޓީގެ ރައީސާ ހަދީޖާ މޫސާ ކޭއޯއަށް ވިދާޅުވީ މިބޮނބި އޮޅުތައް ނެގުމުން އަންހެނުން ކުރާ މަސައްކަތެއް ގެއްލިގެންދާނެ ކަމަށެވެ.
""ކައުންސިލުން ކުރިން ޕްލޭން ކުރެވިފައިތާ ވާނީ ބޮނބިތައް ނެގުމަށް، އެހެންނަމަވެސް އަންހެނުންގެ މިފަދަ ހާއްސަ ކަމަކާ ބެހޭގޮތުން އަންހެނުންގެ ކޮމިޓީގެ އިތުރުން ރަށުގައި މިކަންކުރާ އަންހެނުންނާއި ބައްދަލުކޮށްފައިނުވާކަން އަޅުގަނޑު ވަރަށް ހިތާމައާއެކު ފާހަގަކުރަން." ހަދީޖާ ވިދާޅުވި އެވެ.
ކައުންސިލުން އަންހެނުންނާއި ގުޅިފައިވާ މިފަދަ ކަމެއްގައި އަންހެނުން ކޮމިޓީއާއި އެއްވެސް ގޮތަކަށް މަޝްވަރާކޮށްފައި ނުވާކަން ފާހަގަކުރެއްވިއިރު އެ ބޮނބި އޮޅުތައް ނެގުމަށް ދީފައިވާ 21 ދުވަހުގެ މުއްދަތުވެސް ކުރުކަންވެސް ހަދީޖާ ފާހަގަކުރެއްވި އެވެ.
ހަދީޖާ ވިދާޅުވީ މޭޔަރަށް މިކަމުގައި ގުޅާލުމުން ވިދާޅުވީ އަމީރު އަމީން ސްކޫލް ކައިރީގައި ޕާކު ހެދުމަށާއި އެހެން ޕްރޮޖެކްޓަކަށް އޮޅުތައް ނަގަން ނިންމާފައިވާ ކަމަށެވެ. އަދި އެ ޕްރޮޖެކްޓްތައް ހިންގުމަށް ޑަބްލިއުޑީސީގެ ކަންބޮޑުވުމެއް ނެތްކަން ހަދީޖާ ފާހަގަކުރެއްވި އެވެ.
ނަމަ އެ ސަރަހައްދުގައި ވަރަށް ގިނަ އޮޅުތަކެއް ހުންނާނެކަން ފާހަގަކުރައްވާފައެވެ. އެގޮތުން 150 ވަރަކަށް މީހުންގެ އޮޅު ހުންނާނެކަމަށް ހަދީޖާ ލަފާކުރެއްވި އެވެ. އަދި އޮޅުތައް ނަގަން އެންގުމުން އަންހެނުން ކޮމިޓީން ކަންބޮޑުވާކަން ތަކުރާރުކޮށް ހަދީޖާ ފާހަގަ ކުރެއްވި އެވެ.