ކުރިއަށް އޮތް ދެއަހަރު ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއްކަމަކީ ޖަމާއަތުގެ މަސަލަސްކަން ހިފެހެއްޓުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިސަރުކާރުގެ ސިޔާސީ ފަލްސަފާ އަކީ ދެބަސްވުމަށް އެއްބަސްވެ ސިޔާސީ މައިދާނުގައި ހުރި ތަފާތުތަކާއި ފުށުއެރުމާއި ފަރަގުތައް ހިފައިގެން ވެސް އެކުގައި ކުރިއަށް ދިއުންކަމުގަ އެވެ.
އެގޮތުން ސަރުކާރުން ވޭތުވެދިޔަ ތިންއަހަރު އިޖުތިމާއީ މަސްލަހަތު ހިފަހައްޓައި ދެމެހެއްޓުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މުޖުތައުގެ ހަމަޖެހުމަށްޓަކައި ސަރުކާރުން ކުރައްވާ ކަންތައްތަކާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މަސްތުވާތަކެތިން މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރައްވާ މުހިންމު ބުރަ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ކޮމިއުނިޓީ ބޭސްޑް ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ހިންގުމަށް މިހާރު ބަޖެޓްކުރެވިފައިވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.
އަދި މަސްތުވާތަކެތިން މުޖުތަމައު ސަލާމަތްކުރުމަށް މުޖުތަމައާ ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކުރުމަށް ސަރުކާރުން އިސްކަންދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ނޮވެންބަރު ނުވަވަނަ ދުވަހު ކަނޑައެޅުއްވި މިނިމަމްވޭޖާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެއީ ޖުމްހޫރީ ދުވަހު ރައްޔިތުންނަށް ދެވޭ އެންމެ ބޮޑު ހަދިޔާގެ ގޮތުގައި ފާހަގަކުރައްވާފައެވެ.