ފެނަކައިން ރައްޔިތުމީހާއަށް ވަގުތުން ބިލު ހަވާލު ކުރުމުގެ ހިދުމަތް ފަށައިފި އެވެ.
މިހިދުމަތް އިފްތިތާހްކޮށްދެއްވީ މިކަމަށްޓަކައި ގދ. ފަރެސްމާތޮޑާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމެވެ.
މިހިދުމަތާއެކު ޔުޓިޔިލިޓީ ހިދުމަތް ފޯރުކޮށްދިނުމުގައި ހިދުމަތުގެ އަގު ނެގުމަށް މިހާރު ތައްޔާރުކުރުމަށް ކުރެވޭ ބިލަކީ ހުރިހާގޮތަކުންވެސް ރައްކާތެރި އަދި ފަސޭހަކަން ލިބިގެންދާނެ އެޕްލިކޭޝަނަކަށް ވެގެންދާނެ އެވެ.
ފެނަކައިން ނެރުނު ނޫސް ބަޔާނުގައިވާގޮތުން މީގެ ބޭނުމަކީ ޔުޓިލިޓީ ބިލުތަކުގައި ދިމާވާ މައްސަލަތައް މުވައްޒަފުންނަށް ދެނެގަނެވި ހިދުމަތް ލިބިގަންނަ ރައްޔިތުމީހާއަށް އަވަސް ހައްލެއް ހޯދައި ދެވުމެވެ. ރައްޔިތު މީހާގޭގައި ބެހެއްޓިފައި ހުންނަ މީޓަރުން ނެގޭ ނީރިޑިންގ ނެގުމާއިއެކު ހިދުމަތް ހޯދާ ފަރާތުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލު ވަގުތުން ލިބުމާއި އަދި ބިލުގައި މައްސަލައެއް ވާނަމަވެސް ލަސްނުކޮށް އެ މައްސަލައެއް ފެނަކައިގެ މުވައްޒަފުންނާއި ހިއްސާކުރެވި ހިދުމަތް ދިނުމުގައި ލުއިތަކެއް ވެގެންދާނެ އެވެ.
ހިދުމަތުގެ ބިލު ވަގުތުން ލިބުމާއިއެކު "ފެނަކަ ބިލް ޕޭ" އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ އެވެ. މި އެޕްލިކޭޝަން ތައާރަފްވެގެން ދިއުމުން ދެން ލިބޭ އެންމެބޮޑު ހިންހަމަޖެހުމަކީ ރީޑިންގ ޑިވައިސް މެދުވެރިކޮށް ތައްޔާރުކުރެވޭ ބިލުތަކަކީ ތާރމަލް ރޯލަށް ޕްރިންޓް ކުރެވޭ ބިލުތަކަކަށްވުމުން މީގެ ކުރިން ބިލު ޕްރިންޓް ކުރުމަށް ފެނަކައިން ކުރަމުން އައި ހަރަދު އެތައް ގުނައެއް ކުޑަވެގެންދާނެ އެވެ.
މަސައްކަތުގެ މައިދާނުގައި ފެނަކައިން ހޯދަމުންދާ ކާމިޔާބީ ގުޅިފައިވަނީ، ތަހުޒީބީ މުޖުތަމައަކަށް ފެތޭގޮތުން، ޓެކްނޮލޮޖީއާއިއެކު ޒަމާނީ ވަސީލަތްތައް ބޭނުންކުރެވި ފަންނީ ޤާބިލު މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތަށް އިތުރު ލުއިފަސޭހަ ކަމެއްލިބި ހިދުމަތް ފޯރުކޮށްދިނުމުގައި ހޭދަވާވަގުތު ސަލާމަތްކޮށް ދިނުމެވެ. އެކުންފުނީގެ އަމާޒަކީ ފަންނީ ޤާބިލު މުވައްޒަފުންނާއިއެކު ހިދުމަތް ފަހަތުން ރައްޔިތު މީހާ ދުވާދުވުން ހުއްޓުވުމެވެ.
1. މީޓަރުން ނެގޭ ރީޑިންގ އާއި ޙިދުމަތް ހޯދާ ފަރާރުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްސީލް ވަގުތުން ލިބުމާއިއެކު ބިލްގައި މައްސަލައެއް ފާހަގަވާނަމަ ބިލް ތައްޔާރު ކުރި މުވައްޒަފުންނަށް ލަސްނުކޮށް މައްސަލަ ހިއްސާ ކުރެވޭނެ މަގު ފަހިވެގެން ދިއުން.
2. ހިދުމަތް ހޯދުމަށްފަހު ނެގޭ ރީޑިންގއަށް ސިސްޓަމްއިން ތައްޔާރު ކުރެވޭ ބިލް ރައްޔިތުމީހާއަށް ލިބުމާއިއެކު، ހިދުމަތް ހޯދާ ފަރާތުން ފެނަކައަށް ދައްކަންޖެހޭ ބިލްތަކުގެ ފައިސާ "ފެނަކަ ބިލް-ޕޭ" އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެން ދިއުން.
3. ރީޑީންގ ޑިވައިސް މެދުވެރިކޮށް ތައްޔާރު ކުރެވޭ ބިލްތަކަކީ ތާރމަލް ރޯލް އަށް ޕްރިންޓް ކުރެވޭ ބިލްތަކަކަށް ވާތީ، ބިލް ޕްރިންޓް ކުރުމަށް ފެނަކައިން ކުރިން ކުރަމުން އައި ހަރަދު ކުޑަވެގެން ދިއުން.
4. މަސައްކަތުގެ މައިދާނުގައި ޒަމާނީ ޓެކްނޮލޮޖީއާއިއެކު ޒަމާނީ ވަސީލަތްތަކެއް ބޭނުން ކުރަން ފެށުމުގެ ސަބަބުން މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ފަސޭހަ ކަމަކާއި ފުރިހަމަ ކަމެއް ގެނެސްދީ މަސައްކަތްތައް ނިންމުމަށް ހޭދަވާ ވަގުތު ސަލާމަތް ވެގެން ދިއުން.