twitterviber whatsapp telegramfacebookyoutube instagram
14th June 2026

ބޮނބިފާތަކުގެ ވެރިންނާ އަންގާރަދުވަހުގެ ރޭ ބައްދަލުކުރަނީ

ޚަދީޖާ އާދަމް
Nov 14, 2021

ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބޮނބިފާތަކުގެ ވެރިންނާއެކު އަންގާރަދުވަހުގެ ރޭ މަޝްވަރާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މި ބައްދަލުވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30 ގައި ކައުންސިލް އިދާރާގެ ޖަލްސާ ކުރީ މާލަމުގައިކަމަށެވެ.

ކައުންސިލުން މިމަހުގެ 10 ވަނަ ދުވަހު ރަށުގެ 3 ސަރަހައްދަކުން ބޮނބިފާ/ އޮޅުތައް ނެގުމަށް އެންގުމާއި ގުޅިގެން އެ މަސައްކަތްކުރާ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކައުންސިލުން އެފަދަ ނިންމުމެއް ނިންމި އިރު އެ މަސައްކަތް ކުރާ ފަރާތްތަކާއި މަޝްވަރާކޮށްފައި ނުވާތީ އެ މަސައްކަތްކުރާ ފަރާތްތަކުން ދިޔައީ ޝަކުވާ ކުރަމުންނެވެ.

ކައުންސިލުން އަންގާފައިވަނީ އަމީރު އަމީން ސްކޫލްގެ އުތުރުން މަގާންމަގާއި ދޭތެރޭގައިވާ ބޮނބިފާ/އޮޅުފަދަ ތަންތަނާއި، ހިރަފުސް ދަނޑު އިރުމަތި އަދި އުތުރުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން އަދި ކުޅުދުއްފުށީ ކުޅީގެ ދެކުނުން ހުރި ގޯތިތަކުގެ އިމުން ފެށިގެން 50 ފޫޓްގެ ސަރަހައްދުގައި ހުރި ބޮނބިފާ/އޮޅުފަދަ ތަންތަން ހުސްކުރާށެވެ.

ބޮނބިފާ/އޮޅުތައް ހުސްކުރަން ކައުންސިލުން ދީފައިވަނީ 21 ދުވަހުގެ މުއްދަތެކެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ތަކެތި ނުނަންގަވައިފިނަމަ އެއީ ވެރިޔަކު ނެތް ތަކެތި ކަމަށް ބަލާ ނައްތާލެވޭނެ ކަމަށްވެސް ކައުންސިލުން ކުރިން ނެރުނު އިއުލާނުގައި ބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355