twitterviber whatsapp telegramfacebookyoutube instagram
26th April 2024

ހަކުރު ބައްޔަށް ސަމާލުވޭ: ދުޅަހެޔޮ ދިރިއުޅުމެއް ނުހޯދިއްޖެނަމަ ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެ

- ޅަ އުމުރުގައި ހަކުރު ޖެހޭ މީހުންގެ އަދަދު އިތުރު
- ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރަން ޖެހޭ
- ފައިދާ ހުރި ކާނާ ކެއުމާއި ކަސްރަތު އިތުރުކުރަން ޖެހޭ

އަބްދުލް ވާހިދު ޙަސަން
Nov 14, 2021

ހަކުރު ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔާމެދު ހޭލުންތެރިކަން ކުޑަވުން ކަމަށާއި މިހާރުވެސް ކުޅުދުއްފުށީގައި ހަކުރު ބައްޔަށް ހުށަހެޅިފައިވާ 900 އަށްވުރެ ގިނަ މީހުން އެބަތިބިކަމަށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ދާއުދޫ (ޑޭވިޑް) ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ހަކުރު ބަލީގެ މީހުންގެ ދުވަސް ފާހަގަކުރުމަށް މިއަދު ކޭއާރުއެޗުގައި ބޭއްވި ހަރަކާތެއް ޝަރަފްވެރިކޮށްދެއްވަމުން ޑޭވިޑް ވިދާޅުވީ، ބަލި ކޮންޓްރޯލްކޮށް ބަލިން ރައްކާތެރިވުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައްޔާމެދު ހޭލުންތެރިކަން ކުޑަވުން ކަމަށެވެ. އަދި ހަމައެއާއެކު ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުން ބުއިމުގެ އާދަތައް ހުންނަ ގޮތުން ބަލިން ރައްކާތެރިވުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަން ޑޭވިޑް ފާހަގަކުރެއްވި އެވެ.

"އާއިލާގެ ފަރާތުން މަދުން ނަމަވެސް ބަލި ވާރުތަ ވީ ކަމުގައި ވިޔަސް، މައިގަނޑު ގޮތެއްގައި ބަލިން ރައްކާތެރި ނުވެވެނީ މި ދެންނެވި ދެ ސަބަބަށް." ޑޭވިޑް ވިދާޅުވި އެވެ.

ނެޝަނަލް ޑަޔަބެޓިކްސް ސެންޓަރާ ގުޅިގެން ދާދި ފަހުން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ސްރީންނިންގ ޕްރޮގުރާމަކަށް އަލިއަޅުވާލައްވަމުން އޭނާ ވިދާޅުވީ އެ ކޭމްޕުންވެސް މުޅިން އަލަށްވެސް ހަކުރު ބައްޔަށް މީހުން ޑަޔަގްނޯސް ކުރެވިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ރެކޯޑްތައް ދައްކާ ގޮތުން މިހާރު ވެސް ކުޅުދުއްފުށީގައިވެސް 900 އަށް ވުރެ ގިނަ މީހުންނަކީ ހަކުރު ބައްޔަށް ހުށަހެޅިފައިވާ މީހުން. މިއީ އަޅުގަނޑުމެންގެ އާބާދީގެ ނިސްބަތުން ބަލާ ކަމުގައިވާނަމަ 9 އިންސައްތައަށް ވުރެ ގިނަ މީހުން." ކޭއާރުއެޗުގެ ޑެޕިއުޓީ ސީއީއޯ ވިދާޅުވި އެވެ.

މީގެ ތެރެއިން 50 އަށް ވުރެ ގިނަ މީހުންނަކީ ޓައިޕް 1 ޑައިބެޓިސް ނުވަތަ ޒުވާން އުމުރުގައި، ނުވަތަ ކުޑަކުދިންނަށް ޖެހޭ ޑައިބެޓިސް ޖެހިފައިވާ ފަރާތްތަކުންނެވެ. މިއީ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

ހަކުރު ބައްޔަކީ ވަކި އުމުރު ފުރައަކަށް ވަކި ޖިންސަކަށް ހާއްސަ ބައްޔެއް ނޫންކަން ފާހަގަކުރައްވަމުން ޑޭވިޑް ވިދާޅުވީ، ޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި މި އަހަރު ވެސް 11 މަހުގެ ކުއްޖަކާއި އެއް އަހަރުގެ ކުއްޖަކުވެސް ރެޖިސްޓަރކޮށްފައިވާކަމަށެވެ.

އަދި ޑަޔަބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ތަފާސް ހިސާބުން ދައްކާ ގޮތުގައި ދިވެހިރާއްޖޭގެ އާބާދީގެ 8 އިންސައްތަ މީހުންނަކީ ހަކުރު ބަލީގެ މީހުން ކަމަށް ބެލެވޭ ކަމަށާއި މިހާރު މި ދާ ރޭޓުން ދާ ކަމުގައި ވާނަމަ ކުރިއަށް އޮތް ދެތިން އަހަރެއްގެ ތެރޭގައި މި އަދަދު ދެ ގުނަ ވުމުގެ ފުރުސަތު އެބަ އޮތްކަން ފާހަގަކުރެއްވި އެވެ.

އެހެންކަމުން ބައްޔާމެދު މުޖުތަމައު ވަރަށް ބޮޑަށް ހޭލުންތެރި ކުރުވަން ޖެހޭކަމަށާއި އަދި ކެއުން ބުއިމުގައި ސިއްހަތަށް ފައިދާހުރި ކާނާ ބޭނުން ކުރުމާއި، ބަރުދަން ލުއިކޮށް، ކަސްރަތުކޮށް މީހާގެ ދިރިއުޅުން އިތުރަށް ތާޒާ ނުކުރެއްވިއްޖެނަމަ ދިރިއުޅުން ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެކަމަށް ޑޭވިޑް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355