twitterviber whatsapp telegramfacebookyoutube instagram
4th May 2024

ފޮރިން ސަރވިސް ބިލު ރައީސް ތަސްދީގު ކުރައްވައިފި

ނަބީލާ އިސްމާޢީލް
Nov 15, 2021

ރާއްޖޭގެ ފޮރިން ސަރވިސްގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ. މި ބިލަކީ 2021 އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ފާސްކުރި ބިލެކެވެ.

ރާއްޖޭގެ ފޮރިން ސަރވިސްގެ ގާނޫނަކީ ހާރިޖީ ސިޔާސަތު ހިންގައި ތަންފީޒުކުރުމަށް ފޮރިން ސަރވިސްގެ ނަމުގައި ވަކި ހިދުމަތެއް ގާއިމުކޮށް، އެ ހިދުމަތް ރޭވިފައިވާ ގޮތާއި، ފޮރިން ސަރވިސް ހިންގުމާގުޅޭ އުސޫލުތަކާއި، އެ ސަރވިސްގެ މުވައްޒަފުންނާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ގާނޫނެވެ.

މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު "ރާއްޖޭގެ ފޮރިން ސަރވިސް" ގެ ނަމުގައި ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ ވަކި ހިދުމަތެއް ގާއިމުކުރެވޭނެއެވެ. ފޮރިން ސަރވިސް އެކުލެވިގެންވަނީ، މިނިސްޓްރީއާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކާއި، ކޮންސިއުލާ ޕޯސްޓުތަކާއި، މި ގާނޫނުގެ ދަށުން އެކުލަވާލާ ފޮރިން ސަރވިސްގެ މައްޗަށް ކަމުގައި މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ގާނޫނުގައި ވާގޮތުން ރާއްޖޭގެ ހާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބެލުމުގެ އެންމެ އިސްވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި، ރައީސް އަންގާ ގޮތެއްގެމަތިން، މި ގާނޫނާއި މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ހިންގުމުގެ އެންމެ އިސްވެރިއަކީ މިނިސްޓަރެވެ.

އެ ގޮތުން ފޮރިން ސަރވިސްގެ އެންމެހައި ކަންކަން ދުވަހުން ދުވަހަށް ހިންގުމުގައި މިނިސްޓަރަށް އެހީތެރިވެދިނުމަށްޓަކައި، ފޮރިން ސެކްރެޓަރީއެއް ހުންނަންވާނެއެވެ. އަދި، ފޮރިން ސެކްރެޓަރީއަކީ ފޮރިން ސަރވިސްގެ އެންމެ އިސް މުވައްޒަފުކަމަށާއި، ފޮރިން ސަރވިސްގެ އެހެން ހުރިހާ މުވައްޒަފުންނާއި، ފޮރިން ސަރވިސްގެ މަޤާމުތަކުގައި ވަޒީފާއަދާކުރާ ފޮރިން ސަރވިސްއިން ބޭރުގެ މުވައްޒަފުންވެސް މަސައްކަތް ކުރާނީ، ފޮރިން ސެކްރެޓަރީގެ އިރުޝާދުގެ ދަށުންކަމުގައި މި ޤާނޫނުގައި ވެއެވެ. ފޮރިން ސެކްރެޓަރީގެ މަޤާމަށް މީހަކު ޢައްޔަންކޮށް ވަކިކުރާނީ، މިނިސްޓަރުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާތާ 90 ދުވަހުގެ ތެރޭގައި، ފޮރިން ސަރވިސް އެކުލަވާލަންވާނެކަމަށާއި، ފޮރިން ސަރވިސް ބެހިގެންވަނީ އެގްޒެކެޓިވް ސަރވިސް ސްޓާފުން؛ އަދި ޖެނެރަލް ސަރވިސް ސްޓާފުންގެ މަޤާމުތަކުގެ މައްޗަށްކަމުގައި ޤާނޫނުގައި ވެއެވެ.

މީގެ އިތުރުން ވެސް މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މިނިސްޓްރީގެ ދަށުން ހިނގަމުންއައި ފޮރިން ސަރވިސް އިންސްޓިޓިއުޓްގެ އެންމެހައި މަސައްކަތްތައް ޤާނޫނުގެ ދަށުން ބާރުލިބިގެން ކުރިއަށް ގެންދެވޭ އިންސްޓިޓިއުޓްއަކަށް ބަދަލުވެގެންދާނެއެވެ.

ރައީސް މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު ވަނީ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 6 މަސްދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355