މުސްލިމަކު ކާފަރުކުރުން ކުށަކަށް ހަދަން ހުށަހެޅި ނަފްރަތުގެ ބިލާއި އިސްލާމް ދީނަށް ފުރައްސާރަ ކުރުން ހުއްޓުވަން ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލު އެއްކޮށްލައި މަޖިލީހުގެ ތަޅުމުން ފާސް ކޮށްފި އެވެ.
މި ދެ ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 50 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.
ހިސާނު ބިލު ހުށަހެޅި އިރު ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ލޭބަލް ކުރުމާއި އަދި އާންމު ތަނެއްގައި މުސްލިކަމަށް ކާފަރަކަށް ގޮވުން ކުށަކަށް ހަދަން ހުށަހަޅުއްވައިފައި ވެއެވެ. ނަމަވެސް އެ ގޮތަށް ބިލުގައި އޮތުމުން ވަރަށް ބޮޑަށް ފާޑިކިޔުން އަމާޒުވެ ދީނީ ޖަމިއްޔާތަކުން ވެސް އެ ބިލު ގެންދިއުމަށް ގޮވާލުމާ ގުޅުގެން މަޖިލީހުގެ ތަޅުމުން އެ ބިލު ފާހެއް ނުވި އެވެ.
ބިލު ހުށަހެޅި ދުވަސްވަރު ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑު އަމާޒުވި ކަންތައްތަކުގެ ތެރޭގައި ބިލު ފަރުމާކޮށްފައިވާ ގޮތުން އިސްލާމް ދީނުގެ އުސޫލުތައް އޮންނަ ގޮތް ކިޔައިދިނުންވެސް ކުށަކަށް ވުމުގެ ފުރުސަތު ބިލުގައި އޮތުމެވެ.
ނަމަވެސް އަލުން ކޮމިޓީން ހިސާން ބިލު އިސްލާހު ކުރި އިރު މުސްލިމަކާ ދިމާލަށް ކާފަަރަކަށް ގޮވުން ކުށަކަށް ވާނެ ގޮތާއި ވަކި މީހަކީ އިސްލާމް ދީނާ ދެކޮޅު އަދި އިސްލާމް ދީނާ ހިލާފަށް އުޅޭ މީހެއް ކަމަށް ބުނުން ނުވަތަ ސިފަކުރުން ކުށަކަށް ވާނެގޮތް ތަފްސީލު ކޮށްދީފައި ވެއެވެ.
މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު ނުވަތަ ކުފުރުގެ ބަހެއް ފާޅުނުކުރާހާ ހިނދަކު ނުވަތަ ފާޅުގައި ދީނުން ބޭރުވެ މުރުތައްދު ނުވާހާ ހިދަނކު އާންމު ތަނެއްގައި އެ މީހަކީ ކާފަރެއްގެ ގޮތުގައި ނުވަތަ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ތުހުމަތުކުރުން ނުވަތަ ސިފަކުރުން ކުށަކަށް ހަދަން ހިމަނާފައި ވެއެވެ.